ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެކު އަހަރެމެންގެ މި ކުޑަ ދިވެހިރާއްޖޭގެ އެކި ދާއިރާތަކަށް ތަރައްގީ އަންނަ މަންޒަރު ފެންމަުން ދާ އިރު، އެންމެ ބޮޑު އުފަލެއް ލިބޭ އެއް ކަމަކީ މަތީ ތައުލީމް ހާސިލް ކުރުމަށް މިހާރު ރާއްޖެއިން ބޭރަށް ދާން ނުޖެހުމެވެ. މީގެ ކުރިން މަތީ ތައުލީމް ހާސިލް ކުރަން ޖެހިއްޖެ ނަމަ ރާއްޖެއިން ބޭރަށް ދިޔުން ނޫން ގޮތެއް ނޯވެއެވެ.
މިހާރު ރާއްޖޭގައި މަތީ ތައުލީމް ހާސިލް ކުރެވޭނެ އެތައް ކޮލެޖެއް ހުރި އިރު އެ ކޮލެޖްތަުގައި ލެކްޗަރާއިންގެ ގޮތުގައި ދިވެހިން ކިޔަވައިދެމުން އަންނަ ކަމީ ވެސް އުފާ ކުރަންޖެހޭ ކަމެކެވެ. އެ ގޮތުން މިއަދު "ދަ ޕްރެސް' އިން ގެނެސްދޭ "މީހުން" ސިލްސިލާގައި މި ހާއްސަ ކޮށްލަނީ ތައުލީމީ ދާއިރާގައި ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެމުން އަންނަ އާމިނަތު ޝަޒްނީ އަށެވެ.
ޝަޒްނީ އަކީ މަދްރަސީ ތައުލީމް ހާސިލް ކުރި އިރު، ޓީޗިން ދާއިރާއަށް ޝައުގުވެރިކަން ހުރި މީހެއް ނޫނެވެ. އޭރު އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އެހެންކަމުން ސައިންސް ސްޓްރީމް ހިޔާރުކޮށްގެން ކިޔެވުން ކުރިއަށް ގެންގޮސް ސްކޫލް ނިންމާލި އިރު މެޑިކަލް ދާއިރާއިން ކުރިއަށް ދިއުމަށް ވުރެ ބިޒްނަސް ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން އުފެދުނު ކަަމަށް އޭނާ ބުނެއެވެ. އެހެންކަމުން އޭނާ ސެޓްފިކްޓް ލެވެލްގެ ކޯސްތަކުން ބިޒްނަސް ދާއިރާއިން އުނގެނެން ފެށިއެވެ.
ރާއްޖެއިން ތައުލީމް ހާސިލް ކުރުމަށް ފަހު ކިޔެވުން އިތުރަށް ކުރިއަށް ގެންދިއުމަށް އޭނާ ދިޔައީ މެލޭޝިއާއަށެވެ. އެތަނުގެ ޔުނިވާސިޓީއެއްގައި ބިޒްނަސް ދާއިރާއިން ޑިގްރީ އަދި މާސްޓާސް އޭނާ ފުރިހަމަ ކުރިއެވެ. މެލޭޝިއާގައި ކިޔަވަން ހުރި ދުވަސްވަރު އޭނާ ވަނީ ޕާޓްޓައިމް މަސައްކަތެއްގެ ގޮތުގައި ކިންޑަގާޑަން ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި ކިޔަވައި ދޭން މަސައްކަތް ކޮށްފައެވެ.
އޭރު އޭނާއަށް ކުދިންގެ ފަރާތުން ލިބެމުން ދިޔަ ތައުރީފްގެ ބަސްތަކަކީ މި ދާއިރާއަށް ވަނުމަށް ޝައުގުވެރިކަން އުފެދުނު ގޮތް ކަމަށް އޭނާ ބުނެއެވެ. އަދި އޭނާގެ ކޮއްކޮ އަށް ކިޔަވައިދިން ދުވަސްވަރު، ޝަޒްނީ ކިޔައިދޭ އެއްޗެހި ކޮއްކޮއަށް މާ ފަސޭހައިން ދޭހަ ވާ ކަމަށް ބުނެ ކޮއްކޮ ދެއްކި ވާހަކަތަކަކީ ވެސް މި ދާއިރާ ނިކުތުމަށް ބާރުދިން ކަމެއްގެ ގޮތުގައި ޝަޒްނީ ފާހަގަ ކުރެއެވެ.
ދެން މެލޭޝިއާގައި ކިޔަވަން ހުރި އިރު ލެކްޗާ ދޭން ދަސްކޮށް ދޭ ކޯހެއް ވެސް އޭނާ ވަނީ ފުރިހަމަ ކޮށްފައެވެ. އެއަށް ފަހު ލެކްޗަރާއެއްގެ ގޮތުގައި އެއް ސެމިސްޓާ ކިޔަވައި ދިނުމަށް ފަހު، ދެން ރާއްޖެއަށް ބަދަލުވީ ކަމަށް ޝަޒްނީ ބުނެއެވެ. މާލެ އަނބުރާ އައުމަށް ފަހު ދެން މި ދާއިރާއިން މަސައްކަތް ކުރުމަށް ސައިރިކް ކޮލެޖާ އޭނާ ގުޅުނެވެ.
ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށިތާ މިއަދާ ހަމައަށް 9 އަހަރު ވެފައިވާ އިރު، މިއަދު ޝަޒްނީ އަންނަނީ ހަތަރު ކޮލެޖެއްގެ ދަރިވަރުންނަށް ކިޔަވައި ދެމުންނެވެ. އަދި މި މަސައްކަތަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް ކަމަށް ޝަޒްނީ ބުނެއެވެ. ހަމައެއާއެކު ޝަޒްނީ އަކީ އިސްލާމިކް ޔުނިވާސިޓީގެ އެޑިއުކޭޝަން ކޮންސަލްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ހީވާގި އަންހެނެކެވެ. މީގެ އިތުރުން ވެސް ކޯސްތައް ފަރުމާ ކުރުމާއި، އައިއެސްއޯ ސެޓިފިކޭޝަންގެ މަސައްކަތް ކުރުމާއި، އެކި ކުންފުނިތަކަށް ވިޔަފާރީގައި ދިމާވާ ގޮންޖެހުންތަކާ ގުޅިގެން ކޮންސަލްޓޭޝަން ދިނުމަކީ ވެސް ޝަޒްނީ ކުރާ މަސައްކަތެކެވެ. އެކަމަށް ފަރުމާ ކޮށްފައިވާ ދެ މާސްޓާސް ކޯހަކުން ގިނަ ކުދިންތަކެއް ވަނީ ދަސްވެނި ވެފައެވެ. މީގެ އިތުރުން އެމްކިއުއޭ އެކްސްޓާނަލް އިންސްޓިޓިއުޝަނަލް އޮޑިޓަރެއްގެ ގޮތުގައި ވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ލެކްޗަރާއެއްގެ ގޮތުގައި އޭނާއަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮވިޑްގެ ހާލަތުގައި ފިޒިކަލް ކްލާސްތައް މެދުކަނޑާލައި އޮންލައިން ކޮށް ކިޔަވައިދޭން ޖެހުން ކަމަށް ޝަޒްނީ ފާހަގަ ކުރެއެވެ. އެކަމުގައި ދީމާވި އެންމެ ބޮޑު އެއް ހުރަހަކީ އިންޓަނެޓްގެ ސަބަބުން ދިމާވާ ދަތިތަކާއި އަދި ދަރިވަރުން ތިބޭ މާހައުލުގެ ސަބަބުން ދިމާވާ ހުރަސްތައް ކަމަށް ޝަޒްނީ ފާހަގަ ކުރެއެވެ. އެގޮތުން ކްލާހަށް ބައެއް ދަރިވަރުން ހާޒިރު ވިޔަސް އެ ދަރިވަރުން ސަމާލުކަން ނުދެވޭ ކަމާއި އެ ދަރިވަރުން ކްލާހަށް ހާޒިރު ވިޔަސް ކްލާހަށް ދޭ ސަމާލުކަން ބޮޑުތަނުން ދަށްވެފައިވާ ކަން ފާހަގަ ކުރެވުނު ކަމަށް ޝަޒްނީ ބުންޏެވެ. އެ ކަމުން އަރައިގަތުމަށް އިމްތިހާނުތަކާ ގާތްވުމުން "ވަން އޮން ވަން" ކްލާސްތައް ބޭނުންވާ ދަރިވަރުންނަށް އެފަދަ ކްލާސްތައް ނަގައިދިން ކަމަށް ޝަޒްނީ ބުނެއެވެ.
ކޮންސަލްޓަންޓް ހިދުމަތް ދިނުމުގައި ޝަޒްނީ އެންމެ ބުރަކޮށް މަސައްކަތް ކޮށްފައި ވަނީ ކޮވިޑްގެ ހާލަތުގައި ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އައުމުން ވިޔަފާރިތައް ކޮޅަށް ޖެހުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެ ގޮތުން މާކެޓިިން އާއި ހިއުމަން ރިސޯސް ފަދަ ދާއިރާތަކުން ގިނަ ކުންފުނިތަކަކަށް ޝަޒްނީ ވަނީ ލަފާ ދީފައެވެ. އަދި އޮޕަރޭޝަން ދާއިރާއިން ވެސް ކުންފުނި ހިންގުމުގެ އުސޫލުތައް ރަނގަޅުކޮށް ދިނުމަށް ވެސް ޝަޒްނީ އެހީތެރިވެދީފައެވެ. މިހާރު ވެސް ލިބޭ ހުސްވަގުތު ތަކުގައި ވިޔަފާރުވެރިންނާއި ދަރިވަރުންނަށް ވެސް ޝަޒްނީ ކޮންސަލްޓޭޝަން ދެއެވެ.
ޝަޒްނީ އަކީ ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ، 7 އަހަރުގެ ކުއްޖެއްގެ މަންމައެއް ވެސް މެއެވެ. އައިލާ ބަލަހައްޓަމުން ވެސް ބިޒީކޮށް ގިނަ މަސައްކަތްތަކެއް ކުރުމަށް އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ދެމުން އަންނަނީ އޭނާގެ ފިރިމީހާ ކަން ޝަޒްނީ ފާހަގަ ކުރެއެވެ. އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ޝަޒްނީގެ ފިރިމީހާއަކީ ވެސް ހުސް ވަގުތުތަކުގައި ކޮލެޖްތަކެއްގައި ކިޔަވައިދެމުން އަންނަ މީހެކެވެ. މީގެ އިތުރުން ވެސް އޭނާގެ އާއިލާގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި އެ އެންމެންގެ ހިތްވަރާއި އެއްބާރުލުން ނުލިބި މިއަދު މިހާ ހިސާބަށް ނާދެވޭނެ ކަމަށް ޝަޒްނީ ބުނެއެވެ.
އަދުގެ ދުނިޔޭގައި މަސައްކަތްތެރިންގެ ސަފުގައި މަސައްކަތް ކުރަމުންދާ އަދި ޝައުގުވެރިކަން ހުންނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޝަޒްނީ އާއިލާއަށް ވަގުތު ދިނުމަށް ދުރާލާ ވަގުތު ބަހާލައިގެން ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ބުނެއެވެ.
ތައުލީމީ ދާއިރާއަށް ނިކުންނަ މުދައްރިސުންނަށް ޝަޒްނީ ވަނީ ހާއްސަ މެސެޖެއް ދީފައެވެ. މި މަސައްކަތަކީ ލިބޭ އާމްދަނީއަކަށް ހަމައެކަނި ބަރޯސާ ވެގެން ކުރެވޭނެ މަސައްކަތެެއް ނޫން ކަމަށް ޝަޒްނީ ބުނެއެވެ. މިއީ އެމީހެއްގެ އިންޓްރަސްޓް އަދި އެކަމެއްގެ ޕެޝަން ނެތި ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭނެ ވަޒީފާއެއް ކަމަށް ބުންޏެވެ. ހަމައެކަނި ކްލާހެއް ނަގައި ދިނުމަކުން އުނގަންނައި ދިނުމަށް ހަވާލުވާ މީހެއްގެ މަސައްކަތް ނުނިމޭ ކަމަށާއި އެކި ގޮތްގޮތަށް މަސައްކަތަށް ތައްޔާރުވެ ރިސާޗް ހަދައި އަދި ކިޔަވައި ދިނުމުގައި ދިމާވާނެ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ތައްޔާރުވާން ޖެހޭ ކަމަށް ބުންޏެވެ.
9 އަހަރު ދުވަހު މި މަސައްކަތުގައި ޝަޒްނީ އުޅެފައިވާ އިރު، ގިނަ ދިވެހި ދަރިވަރުން ތަކަކަށް އޭނާ ވަނީ ކިޔަވައި ދީފައެވެ. މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ މީހުންނަށް އޭނާ ބުނީ، ކިޔަވާކަށް ވަކި އުމުރެއް ނެތް ކަމަށެވެ. އަދި މަސައްކަތުގެ ދާއިރާއަަކަށް ނިިކުތުމަށް ހަމައެކަނި ވަކި ސަނަދެއް ހޯދާލުމަކުން ވެސް ނުފުދޭނެ ކަމަށެވެ. ޒަމާން ތަރައްގީވެ ދުނިޔެއަށް އަންނަމުން ދާ ބަދަލުތަކާއެކު ކިޔަވައި ދިނުމަށާއި އަދި މަސައްކަތުގެ މާހައުލަށް ވެސް އެތައް ބަދަލުތަކެއް އަންނާނެ ކަން ގަބޫލު ކުރަންޖެހޭ ކަމަށް ޝަޒްނީ ބުނެއެވެ. އެހެންވެ ކިޔެވިޔަސް އަބަދުވެސް ރިސާޗް ހެދުން އާދަ ކުރަން ޖެހޭ ކަމަށާއި ދުނިޔެއާ އެއް ހަމައަކަށް މީހާގެ ސިކުނޑި ހިފަހައްޓާލެވޭނީ އޭރުން ކަމަށް އޭނާ ބުނެއެވެ.
އަގު ހުރި ބަސްކޮޅަކާ އެކު ވަކިވެލުމުގެ ކުރިން ޝަޒްނީ ވަނީ ހުރިހާ ކިޔުންތެރިންނަށް އީދުގެ ތަހްނިޔާ ވެސް ރައްދު ކޮށްފައެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހުވަފެންތައް ހާސިލް ކުރުމަށް ފަސްނުޖެހި ހިތްވަރާ އެކު މަސައްކަތް ކުރުމަށް އޭނާ ވަނީ ނަސޭހްތްތެރި ވެފައެވެ.
ތަޢުރީފު ނޫން އެއްޗެއް ހިތަކަށް ނާދޭ. ލިބިފައިވާ ރީތިކަމާއި އެކުގައިވެސް އެއްވެސް ބޮޑާކަމެއްނެތި ހިތްހެޔޮކަން އެންމެންނަށް ދައްކާ ނަމޫނާ ކަބަލެއް. ކިތަންމެ ކުޑަދުވަސް ކޮޅަކަށް ދިމާވި ނަމަވެސް ހިތްހެޔޮކަމުގެ މޫނެއް ސިފަވާއިރު މަށަށް ސިފަވަނީ ޝަޒުނީ.