ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް (ކްރޮސް ބޯޑާ ޓްރޭޑް) ފަސޭހަކޮށް، ބޯޑަރު ހުރަސްކޮށް މުދާ ބަދަލުކުރުން އިތުރަށް ހަލުވިކުރުމުގެ މަގްސަދުގައި، ދިވެހިރާއްޖެ އާއި ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ގުޅިގެން މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މުދާ އެތެރެވުމުގެ ކުރިން އެ މުދަލަކާ ގުޅޭ މައުލޫމާތު ދުރާލައި ހިއްސާކުރުމާއި، ކަސްޓަމްސްގެ ކޮންޓްރޯލްތައް އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލި މި ތާރީހީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 ވަނަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ކަސްޓަމްސް ގްރޫޕުގެ ބައްދަލުވުމުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރަ ބަސްނެޓެވެ.

މި އެއްބަސްވުމަކީ ސަރަހައްދީ އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ކާގޯ މުދާ ބަނދަރުތަކަށް ވާސިލުވުމުގެ ކުރިން، ކަސްޓަމްސްގެ އިދާރާތަކަށް މުހިންމު މައުލޫމާތުތައް ދުރާލައި ލިބި، ގަވާއިދުތަކަށް އަމަލުކުރުމުގެ ނިޒާމު ހަރުދަނާވެ، ގައުމުތަކުގެ ބޯޑަރުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މީގެއިތުރުން، ވިޔަފާރިވެރިންނާއި އަމިއްލަ ކުންފުނިތަކަށް ވެސް މިކަމުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެއެވެ. އެގޮތުން ބޯޑަރުތަކުގައި މުދާ ދޫކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ލޮޖިސްޓިކްސް ހަރަދުތައް ކުޑަކުރެވި، މުދާ ލިބޭނެ ވަގުތުގެ ޔަގީންކަން އިތުރުވެގެންދާނެއެވެ. އަދި ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުވެ، ސަރަހައްދީ ވިޔަފާރިތައް ކުރިއަށްވުރެ އަވަސް، ރައްކާތެރި އަދި އިތުބާރު ހުރި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.