ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރިކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ "ޕުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މައުލޫމާތަށް އ.ދ.ގެ އާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަގްރީރު ކުރައްވަމުންނެވެ.

ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި ނޭދެވޭ އަސަރުތައް ބަޔާންކުރައްވަމުން ގައުމުގެ ޖީޑީޕީގެ 60 ޕަސެންޓް ދަށަށް ދިޔައިރު 4.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ގާއިމުކުރެވިފައިވާ ގޮތަށް އަލިއަޅުވާލައްވަމުން ނައިބު ރައީސް ވިދާޅުވީ އެއީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވި ކަމަށާއި އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވާލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުސަތު ލިބުނު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ ރަނގަޅުވުމުގެ މަގުމަތީގައި ކަމަށާއި 2021 ވަނަ އަހަރު އަމާޒުހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ 30 ޕަސެންޓް އިތުރަށް ހާސިލްވި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ގާނޫނެއް މި ސަރުކާރުން ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭގޮތަށް ޓޫރިޒަމް ސިނާއަތުގެ ސާވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަންޖެހޭގޮތަށް ގާނޫނެއް ވުޖޫދަށް ގެނެސްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.