ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އަދިވެސް ސީރިއަސް ދަރަޖައަކަށް ފެތުރިފައި ވާ ޗައިނާގައި މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައި އޮތް މީހަކު މަރުވެއްޖެ ކަމަށް ބަލާ، ބޮޑިބޭގަކަށް އޭނާލައިގެން ގޮސް، ގަބުރު އުފުލާ އުޅަނދަކަށް އެރުވި މައްސަލާގައި، 4 އޮފިޝަލަކު މަގާމުން ވަކި ކޮށްފިއެވެ.

އާދީއްތަ ދުވަހު އާންމުވި މަންޒަރުތަކަށް ބަލާއިރު، މޯޗަރީއެއްގައި މަސައްކަތް ކުރާ ކަމަށް ބެލެވޭ 2 މީހަކު، އުޅަނދަކަށް ބޮޑީބޭގް އަރުވާ މަންޒަރު ފެނެއެވެ. އޭގެ ފަހުން އެ ބޮޑީބޭގް ހުޅުވާ މަންޒަރު ފެނެއެވެ. އަދި އޭގައި އޮތް ޕޭޝަންޓްގެ ފުރާނަ ހުރި ކަމަށް، އެތަނުން އެކަކު ބުނާތީވެސް އަޑުއިވެއެވެ.

މިއާއެކު ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ.

ކޮވިޑް-19ގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުން ދިއުމުގެ ސަބަބުން ލޮކްޑައުންގެ އިންތިހާ ހަރުކަށި އަމުރެއް ތަންފީޒު ކުރަމުންދާ ޝަންހާއީގެ ޕުޓޫއޯ ޑިސްޓްރިކްޓްގެ އޮފިޝަލުން ހޯމަ ދުވަހު ވަނީ، އެއީ ހަގީގަތުގައިވެސް ހިނގި ހާދިސާއެއް ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި ހޮސްޕިޓަލަކަށް ޕޭޝަންޓް ބަދަލު ކޮށްފައި ވާ ކަމަށާ، އޭނާގެ ހާލު ސްޓޭބަލް ކަމަށްވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ޑިސްޓްރިކްޓްގެ ކަމާ ބެހޭ ފަރާތްތަކުން ވިދާލުވީ، 5 އޮފިޝަލެއްގެ އިތުރުން ޑޮކްޓަރެއްގެ މައްޗަށް ތަހުގީގު ހިންގަމުން ދާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ވަޒީފާއިން ވަކި ކުރި އޮފިޝަލުންގެ ތެރޭގައި ސަރަހައްދީ މަދަނީ ކަންކަމާ ބެހޭ ބިއުރޯގެ ޑެޕިއުޓީ ޑައިރެކްޓަރާއި، މުސްކުޅިން ބަލަހައްޓާ މަރުކަޒުގެ ޑައިރެކްޓަރުވެސް ހިމެނެއެވެ. މީގެ އިތުރުން ޑޮކްޓަރެއްގެ ލައިސަންސްވެސް ބާތިލު ކުރި ކަމަށް ހަބަރު ލިބެއެވެ.