އުތުރުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ނޯތް ޕޮލިސް ރީޖަން ހިމެނޭ ނ. ރ. ބ. އަދި ޅ އަތޮޅުގެ ރަށެއްގައި ކަމަށެވެ. އެގޮތުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ގޮތުން މި މައްސަލައށް ގުޅިގެން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އިއްޔެ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެމީހާ ބަނދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ މި މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން މި ހާދިސާ ހިނގާފައިވާ ރަށާއި އަދި އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.