"އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ނުވަތަ ހައިސްޕީޑް ފެރީގެ ހިދުމަތް ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ޒޯންގެ އަތޮޅުތަކުގެ ތެރެއިން ހދ. އަތޮޅުގައި މިއަދު ދަތުރުތައް ފަށައިފިއެވެ.

އެ ހިދުމަތް ފެށުމަށް ބޭނުންވާ ހަތަރު ހައި ސްޕީޑް ފެރީއެއް ފެބްރުއަރީގައި ގެނެސް ބަނދަރުކޮށްފައިވާއިރު، މިއަދު ފަތިހު 5:30 ހާއިރު އެ ފެރީތަކުން ވަނީ ހިދުމަތްދޭން ފަށައިފައެވެ. އޭގެ ތެރެއިން ކޮންމެ ފެރީއެއްވެސް ދަތުރުކުރާނީ ވަކި ރޫޓަކުންނެވެ.

އެމްޓީސީސީންނާއި ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އިންޓަގްރޭޓަޑް ފެރީ ނެޓްވޯކްގެ ހިދުމަތް ތަޖުރިބާކޮށްލައި އެ ހިދުމަތަށް އާންމުން އަހުލުވެރި ކުރުވުމުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހައި ސްޕީޑް ފެރީތަކުން ހިލޭ ދަތުރު ކުރެވޭނެއެވެ. އެ މުއްދަތުގައި ފެރީގެ ހިދުމަތް ހިލޭ ދިނުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތައް މެދުވެރިކޮށް ސީޓް ރިޒަވޭޝަން ހެއްދުމަށް ފަހުގައި ކަމަށްވެސް އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން 11 ވަނަ ދުވަހުން ފެށިގެން ފެރީ ހިދުމަތަށް ފައިސާ ނަގަން ފަށާނެ ކަމަށާއި، އެއަށްފަހު ކައުންސިލްތައް މެދުވެރިކޮށް ސީޓް ރިޒަވޭޝަން ހެދުން ހުއްޓާލާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އޭގެ ފަހުން ފެރީ ހިދުމަތުގެ ޓިކެޓު ގަންނަން ހާއްސަކޮށްފައި ވެބްސައިޓާއި މޯބައިލް އެޕް ބޭނުންކޮށްގެން ޓިކެޓް ގަތުމަށް އެމްޓީސީސީން އެދެއެވެ.

50 މީހުންގެ ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށް އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް 11 ގައެވެ. 30 ނޮޓްގެ ބާރުމިނުގައި ދުވާ އެ ފެރީތަކުގައި ފަސިންޖަރުންގެ ސީޓާއި ކެބިން ފަރުމާކުރެވޭނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމްތަކެއް ވެސް މި ފެރީތަކުގައި ގާއިމްކުރެވިފައި ވާނެއެވެ

އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނެޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯނާއި ހަ ސަރަހައްދު ގުޅުވައިދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.

އެގޮތުން ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅުވައިލެވޭ އިރު، އެއް ސަރަހައްދާއި އަނެއް ސަރަހައްދާވެސް ގުޅިގެން ދާނެއެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.