ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާ އާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

މި ދަތުރުފުޅުގައި،"ފުޓިން ސަސްޓެއިނަބުލް އެންޑް ރިޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އޭން އިންކްލޫސިވް ރިކަވަރީ" މި މައުޟޫއަށް އދ ގެ އާންމު މަޖިލީހުގެ ރައީސް ބާއްވާ މަތީ ފެންވަރުގެ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ..

ރައީސް އޮފީހުން ބުނީ މި ޑިބޭޓް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާއި ޔޫއެންޑީޕީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ގުޅިގެން ކަމަށެވެ.

މި ހަރަކާތުގެ ސަބަބުން މެންބަރު ގައުމުތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް، ހައިލެވެލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާއި މެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ނައިބުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހު 11 ގައި ކަމަށެވެ.