ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަމަށް އިއުލާންކުރައްވައިފިއެވެ.

އެކަން އިއުލާން ކުރައްވާ ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމަށާއި މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް އެ ގެނައި ބަދަލާއެކު ހަމައެކަނި މުސާރައާއި އިނާޔަތްތަކުންވެސް ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް މިއަހަރުގެ މެއި މަހުން ފެށިގެން ގެންނާނެ ކަމަށާއި މި ސަރުކާރުން ތައުލީމަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު އިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ކަމަށެވެ. އަދި މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވެދެއްވާ އެންމެހައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މާތް ﷲގެ ވާގިފުޅާއެކު އެ ވައުދު މިއަދު ފުރިހަމަވެގެން މިދިޔައީ. މިއަދު ފެށުނު މެއި މަހާއެކު، މާތް ﷲގެ ވާގިފުޅުން، ޓީޗަރުންގެ މުސާރައަށް އެމުހިންމު ބަދަލު އަންނާނެކަން އިއުލާން ކުރުމަކީ، މިއުފާވެރި ފިތުރު އީދާއި، މިއަދު މިފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާކަމެއްގެ މައްޗަށް ކަމަށާއި ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ޔަގީން ކަމަށެވެ. އެހެންނަމަވެސް އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިބީ ކުރާ މަސައްކަތަށް ހައްގުވާ މިންވަރަށްވުރެ މާދަށް އުޖޫރައެއްގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އިޖްތިމާއީ އަދާލަތު ހިފެހެއްޓުމަށްޓަކައިވެސް ހުރިހާ ދާއިރާއަކަށް އެބަދަލު ގެނައުމަކީ ކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު މުސާރައިގެ އާ އޮނިގަނޑު އިއުލާން ކުރާ އިރު، ބައެއް ކެޓަގަރީއަށަ 100 ޕަސެންޓް ބޮޑުވެއެވެ. ޕްރިންސިޕަލުންނަށް ވެސް 82 ޕަސެންޓްގެ ކުރިއެރުމެއް ލިބޭއިރު 30،000ރ ގެއަށް ގެންދަން ލިބޭނެއެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އައި ކުރިއެރުންތައް:

ޓީޗަރުންގެ މުސާރަ:

ރޭންކް 1: 10،000 ރުފިޔާއިން 13،000 ރުފިޔާއަށް (22 ޕަަަސެންޓްގެ ކުރިއެރުމެއް)ރޭންކް 2: 13،000 ރުފިޔާއިން 19،000 ރުފިޔާއަށް (50 ޕަަަސެންޓްގެ ކުރިއެރުމެއް)ރޭންކް 3: 15،000 ރުފިޔާއިން 20،000 ރުފިޔާއަށް (37 ޕަަަސެންޓްގެ ކުރިއެރުމެއް)

ޕްރިންސިޕަލުންގެ މުސާރަ:

ރޭންކް 1 : 16،000 ރުފިޔާއިން 30،000 ރުފިޔާއަށް (82 ޕަސެންޓްގެ ކުރިއެެރުމެއް)

ރޭންކް 2 : 20،000 ރުފިޔާއިން 33،000 ރުފިޔާއަށް (59 ޕަަަސެންޓްގެ ކުރިއެެރުމެއް)

ރޭންކް 3: 12،000 ރުފިޔާއިން އިން 20،000 ރުފިޔާއަށް (38 ޕަަަސެންޓްގެ ކުރިއެރުމެއް)

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ރޭންކް 1: 13،000 ރުފިޔާއިން އިން 23،000 ރުފިޔާއަށް (78 ޕަަަސެންޓްގެ ކުރިއެރުމެއް)

ރޭންކް 2: 21،00 ރުފިޔާއިން 26،000 ރުފިޔާއަށް (55 ޕަަަސެންޓްގެ ކުރިއެރުމެއް)