ވަގުތަކީ ހަވީރުގެ ފިނިޖެހެމުން ދިޔަ ވަގުތެވެ. އަހަރެންގެ އެކުވެރިން ފޯރީގައި ވޮލީ ކުޅެނީއެވެ. އަހަރެންގެ އިސްކޮޅުން ކުރުކަމާ ހެދި ކޯޓަށް އެރެނީ ޓީމު ހަމނުވާ ދުވަހެއް ވިއްޔާއެވެ. އެހެން ނޫނީ ހުންނަން ޖެހެނީ ކުޅިބަލަން ބޭރުގައެވެ.

ވޮލީ ކޯޓު އޮންނަނީ ރަށުގައި އޮންނަ ބޮޑު ކާނިވާ ފެށޭ ހިސާބުގައެވެ. މާ ސިންގާކޮށް ބިޔަކޮށް ހެދިފައި އޮންނަ އެ ކާނިވާ އޮންނަނީ މާބޮޑަށް ސާފުވެއް ނުކޮށެވެ. ވޮލީ ކޯޓުގެ ސަރަހައްދު ސާފުކޮށްފައި އޮތް ނަމަވެސް ކޯޓާ ދިވަހަރަކަށް ފޫޓުގައި އޮންނަނީ ވަލެވެ. ހުޔާއި އޭތި މީތި ފަޅާ ވާވެފައެވެ.

ދުވަހަކީ ފޯރި ގަދަ ދުވަހެކެވެ. ދެޓީމުގެ ކުޅުންވެސް ދާދި ހަމަހަމަކޮށް ދާތީ 3 ސެޓުން ނިންމާލެވޭ ގޮތެއް ނުވިއެވެ. 5 ސެޓަށް ދެމިގެން ދިޔަ އިރު ދުނިޔެ މައްޗަށް އިރު އަލްވަދާއު ކިޔައިފިއެވެ. ވޮލީ ވޯޓު އޮންނަނީ ކާނިވަލުގެ އިރުމަތީ ފަރާތުގައި ކަމަށް ވާތީ، އިރު އޮއްސުނީމައި ކޯޓުވެސް އަނދިރިވާނެއެވެ. ބޯޅަ ފެނުނަސް އޮންނާނީ އަނދިރި ކޮށެވެ.

ކުއްލި އަކަށް ކުޑަކަމުދާން ޖެހިއްޖެއެވެ. ފަހަރުވަލަވައިގަންލެއް ބޮޑުކަމުން، އަހަރެން ގަސްދު ކުރީ، އަނދިރިކޮށް އޮތުމާއެކު އަރިއަކަށް ޖެހިލައި ކުޑަކަމުދާށެޗެ. އޭރު މެޗްވެސް ނިމޭތީއާއި، ކައިރި ހިސާބެއްގައި ގެއެއްވެސް، ފާހާނާ ބަރިއެއްވެސް ނުހުންނާތީ އެއީ އާންމުކޮށް އަހަރެމެން އެކަން ކުރާ ގޮތަށްވެސް ވާތީއެވެ.

ކުޑަކަމު ގޮސް ތެދުވެވުނުކަން އަހަންނަށް އެނގުނެވެ. ދެން ހޭ ވެރިކަމެއް ނެތެވެ.

ހޭވެރިކަން ވެ، ކަންކަން ވީ ގޮތް އެކިވެރިން ކިޔައި ދިނީ މިއަދުއެވެ. މިއީ އެ ހާދިސާ ހިނގިތާ ބަރާބަރު 14 ރެއާއި 15 ދުވަސް ވީ ދުވަހެވެ.

އަހަރެންގެ އެކުވެރިން ބުނީ، އަހަރެން ހޭނެތުނީ ކަމަށެވެ. ދެން ހޭ އެރި ނަމަވެސް އަހަރެންގެ ހަމަ ހެޔެއް ނެތް ކަމަށާއި އަހަރެން ހުރީ އެއްޗެއް އަވަލާފައި ކަމަށެވެ.

"އެހެރީ މަ ބަލައި އައިސް، ދޫ ކުރޭ، އަންނާށޭ އެކިޔަނީ، މަ ދޫކުރޭ" އަހަރެން އުޅެނީ ވޮލީކޯޓަށް ދާން ކަމަށް އެކުވެރިން ބުންޏެވެ. އެތަނަށް އަހަރެން ގެންދަން އެއްޗެއް ބަލައި އައިސް ހުރީ ކަމަށް ބުންޏެވެ. އެތައް ކިޔެވެއްޔެއް ކިޔަވައިގެން މިއަދު ރަނގަޅު ވި އިރު، އެކުވެރިން ބުނީ އަހަންނަށް ކުޑަކަމު ދެވުނީ އެއްޗެއްގެ ބޮލަށް ކަމަށެވެ. އެއީ ހަންޑިއެއް ކަމަށާއި، އަހަރެން ބަލާ އަންނަނީ އޭތި ކަމަށެވެ.

އެކުވެރިން ބުނީ، އޭތި އަހަރެން ބަލައި އަންނަނީ، އެ ހަންޑިއާ އެކު ކުޅެން ކަމަށާއި، އަހަރެން ބޭނުންވަނީ ހަންޑިއާއެކު ވޮލީ ކުޅެން ކަމަށެވެ. އަދި އެތަނަށް ދާން ގަދަހަދަމުން އަހަރެން ދިޔަ އިރު، 10-12 މީހުންނަށްވެސް އަހަރެން ހިފަހައްޓާ ނުލެވޭ ކަމަށާއި، އަހަރެން ބާއްވާފައި އޮތް ފަތްޖެހި އެނދާއެކު އުފުއްލި އުފުއްލިފައި ޖެހޭ ކަމަށެވެ. އަދި އެއް ފަހަރަކު އެންމެން ފޮޅާލާފައި އެތަނަށް ދާން ދުއްވައިވެސް ގަން ކަމަށާއި، ދުވެ ގޮސް ފަޅު ގެއެއްގައި ފިލާ އިންދާ ހޯދައިގެން ގެނެސް އަނެއްކާ އޮބަހެއްޓީކަމަށްވެސް ބުންޏެވެ.

އެކުވެރިން މިހުރިހާ ކަމެއް ކުރީ، ރަށުގެ މުދިންބޭގެ އެހީތެރިކަމާއެކުގައެވެ. އަހަރެން ސަލާމަތް ކުރީ މުދިންބެއެވެ. މުދިންބެ ކިޔަވައި މަތުރާ ފެންޖަހާ، އެ ހެދިއެއްޗެސް ހަދައިގެން އެ ހަންޑީގެ ކިބައިން އަހަރެން ސަލާމަތް ކުރިއެވެ.

ހަންޑިގެ ވާހަކަ

އެއީ ރީތި ހަންޑިއެކެވެ. ފަން ދިގު އިސްތަށިގަނޑެއްގައި ހުރި ސޫރަ ރީތި އަންހެން ކުއްޖެކެވެ. ފައިވާނަކަށް ނާރައެވެ. ރަތް ލިބާހެއްގައި ހުންނަ އެ ކުއްޖާ އަބަދުވެސް ހުންނަނީ ހެވިފައެވެ. އެކަމަކު އެއީ ވަރަށް ރުޅިގަދަ ކުއްޖެކެވެ. އޭނާ ރުޅި އައިސްފައި ހުންނަ ވަގުތުތަކުގައި ދެލޯ ހީވަނީ ރަތް އަނގުރު އަލިފާންހެނެވެ. އެހާވެސް ރަތެވެ. މުދިންބޭ ބުނީ އޭނާ ރުޅި އެ ރުޅި އަންނަނީ މުދިންބޭ ކިޔަވާތީ ކަމަށެވެ.

އެއީ ތެދެކެވެ. އޭނާ އަހަރެންގެ ގާތުގައި ބުނަނީވެސް އެހެންނެވެ. އެހެރަ މީހަކު ކިޔަވަނީ ކަމަށެވެ. އެމީހަކީ މުދިންބެއެވެ. އޭނާ މުދިންބެއަށް ނަމަކުން ނުކިޔައެވެ.

އަހަންނަށް މޮޔަވި އިރު، ހަންޑިއާއި އޭނާގެ ދުނިޔެ ވަރަށް ސާފުކޮށް އޭރު ފެނެއެވެ. މާމެލާމެލި ހައްދާފައި އޮންނަ ރީތި ބަގީޗާތަކާއި، ސާފު ދޮންވެލި ގޮނޑުދޮށްތަކެވެ. މޫދަށް އެރި ކުޅެން އުޅޭ ކުދިންނާއި ހީސަމާސާކޮށް އުޅޭ އުފުރާގެ ކުދިންތަކެވެ. ނަމަވެސް މުދިންބޭ ބުނީ، އަހަންނަށް އެ ފެންނަމުން ދިޔައީ މުޅިންވެސް އަވާ މެންދުރު ކަމަށާއި، މާމެލާމެލީގެ ގޮތުގައި ފެންނަމުން ދިޔައީ ކަށި ކުނބުރު ޖަންގަލި ކަމަށެވެ. އަދި މޫދުގައި ކުދިން ސަކަރާތް ޖަހާކަމަށް ފެނުނީ، ބޯކަށިކެޔޮ ކަމަށެވެ. އިތުރަށް އެކަން ސާފުކޮށްދެމުން މުދިންބޭ ބުނީ، ކުޑަ އިރުކޮޅަކަށްވެސް ކިޔެވެލި ދޫވި ނަމަ، އަހަރެން ފެނުނީހީ އެތަންތަނުން ކަމަށެވެ. އެއީ ހަންޑި މޮޔަވާ މީހުން އާންމުކޮށް ގެންދާ މަގު ކަމަށް މުދިންބޭ ބުންޏެވެ.

އެއީ ތެދެކެވެ. މި ރަށުގައި ކުރިނ ހައްޑި މޮޔަވި އެހެން ކުއްޖަކުވެސް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ކަށިކެޔޮ ފީންޏެއްގެ އެންމެ އެތެރޭގައި، އެ ފީނީގެ ބުޑު ދަށުގައި ކުޅެން އިންދައެވެ.

މިއަދު އަހަރެން ސަލާމަތް ވުމުން އުފާ ކުރާ އިރު އަހަންނަށް އެހާދިސާ ދިމާވުމާއެކު ވޮލީ ކޯޓުގައި ބައްތި ޖަހާ މިހާރުވަނީ ދިއްލޭ ގޮތަށް ހަދާފައެވެ. ނަމަވެސް އޭގެ ފަހުން އަހަރެން އިރުއޮއްސޭ ގަޑިއަކު ކޯޓު ދޮށަކަށް ނުދަމެވެ.