ކޮންމެ އަހަރެއްގެވެސް މޭ މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މި އަހަރު މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ބާއްވާ ހިނގާލުން ކުރިއަށް ދާނެ ކަމަށް އެ ޔޫނިއަނުން ބުނެފިއެވެ.
މޭ ޑޭ ފާޙަގަކުރުމަށްޓަކައި އެ ޔޫނިއަނުން ވަނީ މީގެ ކުރިންވެސް ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން 2019 ގައި މާލޭގައި ހިނގާލުމެއް ބޭއްވިއިރު، މިދިޔަ އަހަރު ކަނޑުމަތީގައިވެސް ހަރަކާތްތަކެއް ގެންދިޔައެވެ.
މިއަދު މާލޭގެ ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދާ ހަމައަށް ހަވީރު 4 އިން 6 އަށް ހިނގާލުމެއް ކުރިއަށް ގެންދަން އެމްޓީޔޫސީން ވަނީ ނިންމާފައެވެ. އެ ހިނގާލުމަށް ފަހު އެ ސަރަހައްދުގައި ރޯދަ ވީއްލުމެއްވެސް ބާއްވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް އެ ހިނގާލުން މަޖީދީ މަގުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ވަނީ ރޭ އެ ޔޫނިއަނަށް އަންގާފައެވެ.
ފުލުހުން ބުނީ، ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށް ވާތީ އާއި ވަކިން ހާއްސަކޮށް ރަމަޟާންމަހުގެ ފަހު ދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ގާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރުމަށް ރެލީ އޯގަނައިޒް ކުރާ ފަރާތުން އެއްބަސް ނުވި ކަމަށާއި، އެހެން ކަމުން މަޖީދީމަގުގައި އެ ރެލީ ނުބޭއްވޭނެ ކަން އެ ފަރާތަށް އަންގާފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ސުލްހަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް ބުންޏެވެ.
މިއަދުގެ ހިނގާމުން އިންތިޒާމް ކުރާ ޔޫނިއަނުން ބުނީ، އެ ހަރަކާތް ހަމައެކަނި ކުރިއަށް ގެންދެވޭނީ ކާނިވާ ސަރަހައްދުގައި ކަން އެ ޔޫނިއަނަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
ނަމަވެސް، ރާވާފައިވާ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެމްޓީޔޫސީގެ ހިނގާލުން އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވަނީ ވިދާޅުވެފައެވެ. ޝުނާނާ ވިދާޅުވި ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުންނަށް ވާނީ ކުރިން އަންގާފައެވެ.
މޭ ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ކުރިއަށް ގެންދަން ނިންމާފައިވާ ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ވަޒީފާގެ ބިރު ދެއްކުން ނައްތާލުމަށާއި، އަދުލު އިންސާފު ލިބުމުގައި މަސައްކަތްތެރިންނާ މެދު ތަފާތު ކުރުން ނުގެންގުޅުމަށާއި، އިންޑަސްޓްރިއަލް ރިލޭޝަންސް އާ ބެހޭ ގާނޫނެއް ފާސްކުރުމަށާއި، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ތައާރަފްކޮށް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައި، މިނިމަމް ވޭޖް ކަނޑައެޅިއިރު ފުރަތަމަ ނިންމި އަދަދުތައް ކަނޑައަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝުއޫރު ފާޅުކުރަން ނިންމާފައިވެއެވެ.