ވަޒީފާގައި ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށާއި ވަޒީފާގެ މާހައުލަކީ އެންމެންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިދޭން ޖެހޭ ތަނެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެނަށް އަރިސްކުރަމުން ދެއްވި ހިތާބުގައި ޑރ. މާރިޔާ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި އެފަދަ ކަންކަން މަސައްކަތުގެ މާހައުލުން ނައްތާލުމަށް މަސައްކަތްކުރުމަކީ އެންމެންގެ ވާޖިބެއްކަމަށެވެ. އަދި ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރުކުރުމުގެ ހައްގު މިހާރު ލިބިފައިވާކަން ފާހަގަކުރައްވާ، ޑރ. މާރިޔާ ވިދާޅުވީ މި ގާނޫނުގެ ފޮނިމީރުކަން ދިވެހި މަސައްކަތްތެރިންނަށް ވަރަށް އަވަހަށް ލިބިގެންދާނެކަމަށެވެ.
މަސައްކަތްތެރިންގެ ދުވަހަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ ބަދަލުވަމުން އަންނަ މާހައުލުގައި މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ކަށަވަރުކުރުމެވެ.
މީގެއިތުރުން ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިވަންކަމާއި ފަރުދީ ހައްގުތައް ހޯދުމުގެ އިސްލާހީ ހަރަކާތުގެ ތެރެއިން މަސައްކަތްތެރިންގެ ހައްގުގެ މުހިއްމު ބައެއް ކަންކަން މިހާތަނަށް ހާސިލްކުރެވިފައިވާ ކަމަށެވެ. އަދި ވަޒީފާ ނުލިބޭ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގު ދިފާއުކުރުމަށް ގޮންޖެހުންތައް ހުރިކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި ވެއެވެ.
ދިވެހި ރާއްޖޭގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާތާ މިހާރު 15 އަހަރު ވެއްޖެއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރަން ޖެހުނު މައިގަނޑު ސަބަބަކީ މަސައްކަތްތެރިންގެ ހައްގުތަށް ރައްކާތެރިކުރުމަށް 1886 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ އަމާން މުޒާހަރާއަށް ދިން އުދުވާނީ ހަމަލާއެވެ.
ލަންޑަންގެ ހޭ މާކެޓްގައި ދިން މި އުދުވާނީ ހަމަލާގައި 7 ފުލުހަކާއި އާންމުންގެ 4 މީހަކު ވަނީ މަރުވެފައެވެ. އެ ލޭ އޮހޮރުވުމުގެ ސަބަބުން ހަރަކާތް ފުޅާވެ މަސައްކަތްތެރިންގެ ހައްގުގައި ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހެއްގެ ގޮތުގައި މޭމަހުގެ 1 ވަނަ ދުވަސް ކަނޑައެޅިއެވެ.