ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުކުރަން ނިންމާފައިވާއިރު މުސާރައިގެ އޮނިގަނޑު މާދަމާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިއުލާންކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، ރައީސް އެކަން އިއުލާނު ކުރައްވާނީ މާދަމާ އެމަނިކުފާނު ގައުމާ މުހާތަބުކުރައްވާ ދައްކަވާ ވާހަކަފުޅުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިގޮތުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ޓީޗަރުންގެ ސަނަދުތަކުގެ ކޮޕީތައް މިނިސްޓްރީއަށް ހޯދަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މޭ މަހުން ފެށިގެން، ޓީޗަރުން ހިމެނޭ ގޮތަށް ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިއުލާން ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގައުމު ބިނާކުރުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޓީޗަރުން ކަމަށާއި، އެހެންވެ ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ.

އެއާއެކު، ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ ކަމަށާއި، އެ ބޮޑު ކުރުމާއެކު ޓީޗަރުންގެ މުސާރައަށް 56 ޕަސެންޓުގެ ކުރިއެރުން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.