މިދިޔަ ރެކޯޑު އަދަދަކަށް އެމްޓީސީސީއަށް ފައިދާވެފައިވާ ކަމަށް، އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން އެހެން ބުނެފައިވަނީ އިއްޔެ އާންމުކުރި ނިމިދިޔަ އަހަރުގެ މާލީ ފައިދާ ރިޕޯޓުގައެވެ. އެ ރިޕޯޓުގައި އާންމުކޮށްފައިވާ މާލީ ނަތީޖާއަށް ބަލާލާއިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 1.97 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2020 ގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.38 ބިލިއަން ރުފިޔާއަށް ވުރެ 42.8 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްޓީސީސީއަށް ލިބިފައިވާ އާމްދަނީން ވިޔަފާރިކޮށްގެން 271.82 މިލިއަން ރުފިޔާ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ލިބިފައިވާއިރު، 2020 ގައި ލިބިފައިވަނީ 224.71 މިލިއަން ރުފިޔާއެވެ. އެހެންކަމުން، ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އަދަދު ވަނީ 21 ޕަސެންޓު އިތުރުވެފައެވެ.
މި ނަތީޖާއަކީ އެ ކުންފުނީގެެ 41 އަހަރުގެ މުއްދަތުގައި ރެކޯޑު ކުރެވުނު އެންމެ ރަނގަޅު އެއް މާލީ ނަތީޖާ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.5 ރުފިޔާ، އަދި ޖުމްލަ ހިއްސާގެ ގޮތުގައި 28.1 މިލިއަން ރުފިޔާ ބެހުމަށް 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށްވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. އެއީ މިދިޔަ އަހަރު ރެކޯޑު ކުރެވުނު އަދަދަށް ވުރެ 16.7 ޕަސެންޓުގެ އިތުރުވުމެކެވެ. އެހެންކަމުން އެއީ މާލީ ނަތީޖާގެ އިތުރުން، އެ ކުންފުނީގެ ތާރީހުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދު ކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ އަހަރު އެ ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު:
- 57 މަޝްރޫއެއް އެވޯޑުކުރެވި، 27 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވޭ
- އިތުރު 3،000 ވަޒީފާ އުފެއްދާފައިވޭ
- ސީއެސްއާރުގެ ދަށުން އެކި ރަށްރަށުގައި 300 އަށް ވުރެ ގިނަ ހަރަކާތް ހިންގައި ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ
- ބަހުގެ ހިދުމަތް އެމްޓީސީސީއަށް ބަދަލުކޮށްފައިވޭ
އެމްޓީސީސީން ބުނިގޮތުގައި، އެ ކުންފުނީގެ އެކި ވިޔަފާރިތައް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެކުލަވާލައި، ހާލަތާ އެއްގޮތަށް މުރާޖައާ ކުރަމުންދާ ކަމަށާއި، ވިޔަފާރިތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް ވިޔަފާރި ކުރިއަރުވައި، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ފިޔަވަޅުތައް އަޅަމުން ދާ ކަމަށެވެ.
ހަމަ އެއާއެކު އެ ކުންފުނިން ވަނީ ވިޔަފާރި ކުރިއަރުވައި، މުޖުތަމައަށް ފައިދާވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފައެވެ.