މެދު ރާއްޖެތެރޭގެ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް މީހަކު އަނިޔާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ނޯތް ސެންޓްރަލް ޕޮލިސްގައި ހިމެނޭ ކ. އއ. އދ އަދި ވ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް، އެ ކުއްޖާއަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާ މިހާރު ވަނީ ރާއްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ފުލުހުން ބުނާ އިރު އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މިހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ދަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ކުއްޖާއަށް އަނިޔާ ކޮށްފައި ވަނީ ކުއްޖާގެ ބައްޕަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކުއްޖާ އަށް ކުރި އަނިޔާއަކީ އެ ކުަޖާ ގައިގާ އަލިފާން ޖެއްސުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް މި ފަދަ އެއްވެސް ތަފްސީލެއް ފުލުހުން އަދި ޖެންޑާއިން ވެސް ހާމައެއް ނުކުރެއެވެ.