ފިތުރު އީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ފަށައިފިއެވެ.
އިއްޔެ އިން ފެށިގެން މި މަހުގެ ނިޔަލަށް އަދި މެއި 6 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގައި އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބަލާނެ ކަމަށާއި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތަކެއް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ފެށީ ރޭ މާލޭގެ ބަނދަރު ސަރަހައްދުގައެެވެ. އެމްއެންޑީއެފް އިން ބުނީ މި ދުވަސްތަކުގެ އެކިވަގުތުތަކުގައި މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދުފަހަރު ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށެެވެ.