ގދ. ތިނަދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 200 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ)ގެ އުސޫލުގެ މަތިންނެވެ. އެގޮތުން ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ އަންނަ މަހު 8 އިން 22 އަށް ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. މީގެއިތުރުން އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، 'ބަނޑޭރި ޕޭ'  މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

އެ މިނިސްޓްރީއިން ބުނި އެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރަށް ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 30 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ބައިގެ ޖަލްސާކުރާ މާލަމުގައެވެ.

މިދިޔަ ހަފްތާގައި އެ މިނިސްޓްރީއިން ވަނީ ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އެޅުމަށް ވެސް ހުޅުވާލައިފައެވެ. އަދި އިތުުރު ހަތް ރަށެއްގައި 770 ހައުސިން ޔުނިޓް އެޅުމަށް މިދިޔަ ފެބްރުއަރީ މަހު ވެސް ހުޅުވާލިއެވެ.