ވ.ހުޅިދޫ އަދި ވ.އަންބަރާ އަކީ ފެލިދުއަތޮޅު ކައުންސިލްގެ ދަށުގައިވާ ދެ ރަށް ކަމުގައި ކަނޑައަޅާ ގަރާރެއް ފާސްކޮށްފިއެވެ.

އެ ގަރާރު ފެލިދުއަތޮޅު ކައުންސިލުން ފާސްކޮށްފައި ވަނީ ކައުންސިލްގެ 4 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުން އިއްތިފާގުންނެވެ.

އެ ގަރާރު ފާސްކުރީ، ވ.ހުޅިދޫ އަދި ވ.އަންބަރާ ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާތީ އާއި، އެއްބަސްވުމާ ހިލާފުވެ އަދި ރަށްތައް ތަރައްގީ ކުރުމަށް ވީ އެއްބަސްވުމުގެ ހިދުމަތަށް މުއްދަތު ހަމަވެފައި ވާތީއެވެ. އިއްޔެ ފެލިދުއަތޮޅު އަތޮޅު ކައުންސިލްގައި ބޭއްވި ޖަލްސާއަށް އެ ގަރާރު ހުށަހަޅާފައި ވަނީ، ފެލިދޫ އަތޮޅު ތިނަދޫ ކައުންސިލްގެ ފަރާތުންނެވެ.

އެ ގަރާރާ މެދު މަޝްވަރާ ކުރުމަށް ހުޅުވާލި ފުރުސަތުގައި ވ. އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ސަރުކާރުތަކުން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގައި ތަފާތު އިހުމާލުތައް ވެފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެ އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމުން އަތޮޅު ރައްޔިތުން މަހުރޫމު ކޮށްފައިވާ ކަން ފާހަގަ ކުރިއެވެ. އަދި ވ.ހުޅިދޫ އަދި ވ.އަންބަރާ ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާ ހިލާފްވެ، މުދައްތު ހަމަވި އިރުވެސް އެއްވެސް މަސައްކަތެއް ފުރިހަމަ ކޮށްފައި ނުވާތީ އާއި ރަށުގެ ވެއްޓަށް ބެލުމެއް ނެތި ރަށަށް އިހުމާލު ވެފައިވާ ކަމުގެ ޝަކުވާ ވެސް މެންބަރުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ފެލިދުއަތޮޅުގެ ފަޅު ރައްތަކާއި، ފަޅުތަކާއި، އަދި ފަރުތައް އަދި މިނޫން ވެސް އެންމެހައި ގުދުރަތީ ވާސީލަތްތައް ބޭނުން ކުރަމުން އަންނަގޮތާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ޝަކުވާތަކުގެ މައްޗަށް ބަލައި، އެރައްޔިތުންގެ ޝަކުވާތަކަށް ހައްލުތަކެއް ހޯދުމުގެ ގޮތުން ފެލިދުއަތޮޅު އަތޮޅު ކައުންސިލުން އެ ގަރާރު ވަނީ ފާސް ކޮށްފައެވެ.

ދަނޑުވެރިކަން ތަރައްގީ ކުރުމަށް 2017 ވަނަ އަހަރުގެ ތެރޭގައި ވ.ހުޅިދޫ ކުއްޔަށް ދޫކޮށްފައި ވަނީ "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށެވެ. "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށް ވ.ހުޅިދޫ ލިބިފައި ވަނީ، ވ.އަތޮޅު "އާރަށް" ކުއްޔަށް ދޫކޮށްފައިވާ ދުވަސްވަރުގައެވެ.

ވ. އަންބަރާއަކީ 2004 ވަނަ އަހަރު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުއްދަ ދިން ރަށެކެވެ. ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް ދީފައިވާ އެގްރިމެންޓް ބާތިލްކޮށް ވ. އަންބަރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 2016 ވަނަ އަހަރުގެ ތެރޭގައި "ހަނދުވަރު އޯޝަން ޕްރިވެޓް ލިމިޓެޑް" އަށް އެރަށަކީ ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް ރިސޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓާފައެއް ނުވެއެވެ.