1938 ވަނަ އަހަރުން ފަށައިގެން އެއް ކުންފުންޏަކަށް މަސައްކަތް ކޮށްދީގެން، އުމުރުން 100 އަހަރުގެ ބްރެޒީލް މީހަކު، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ކަށަވަރު ކޮށްފިއެވެ.
ބްރަސްކުގައި ހިންގާ ޓެކްސްޓައިލް ކުންފުންޏެއް ކަމަށް ވާ އިންޑަސްޓްރިއާސް ރެނޯކްސްގައި، ވޯލްޓާ އޯތަމަން މަސައްކަތް ކުރަން ފެށީ ޖެނުއަރީ 17، 1938 ގައި، އޭނާގެ އުމުރުން އެންމެ 15 އަހަރުގައެވެ. އޭރު އޭނާ އަދާ ކުރަމުން ދިޔައީ ޝިޕިންގް ޑިޕާޓްމަންޓްގެ އެސިސްޓަންޓެއްގެ ވަޒީފާއެވެ. އޭގެ ފަހުން އެޑްމިން އެސިސްޓަންޓަކަށް ޕްރޮމޯޓް ވެ، އެންމެ ފަހުން، ސޭލްސް މެނޭޖަރަކަށްވެސް ބަދަލުވިއެވެ.
ވަޒީފާގައި ފާއިތުވީ 84 އަހަރު ދުވަހުގެ ތެރޭގައި ވޯލްޓާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިޔަފާރީ ދަތުރުތައް ކޮށް، މަސައްކަތް ކޮށްފައެވެ. އެގޮތުން ދުނިޔޭގައި ބޭނުން ކުރާ ފައިސާތަކުގެ ތެރެއިން 9 ފައިސާއަކުން މުސާރަ ހޯދިފައެވެ. އަދި ބްރެޒީލްގެ ތާރީހުގައި ކޮމާޝަލް ފެންވަރުގައި އެ ގައުމުގައި އޮޕަރޭޓް ކުރި ހުރިހާ އެއާލައިނެއްގައި އޭނާ އުދުހުނެވެ.
80 އެތައް އަހަރެއް ވަންދެން އެއް ކުންފުންޏެއްގައި މަސައްކަތް ކުރުމުގެ ސިއްރާ ބެހޭ ގޮތުން ވާހަކަދައްކަމުން ވޯލްޓާ ބުނީ، ކުރާ މަސައްކަތާ ގަޔާވާން ޖެހޭނެ ކަމަށެވެ. އޭނާވެސް މަސައްކަތް ފެށީ އެ އަމާޒުގައި ކަމަށް ވޯލްޓާ ބުންޏެވެ. މަސައްކަތް ކުރަމޭ ނަމެއްގައި ބުނެލުމަށްޓަކާ ކޮންމެ ކޮންމެ ވަޒީފާއެއް އަދާކޮށްގެން އެކަން ހާސިލު ނުވާނެ ކަމަށްވެސް ވޯލްޓާ ބުނެއެވެ.
އެއް ކުންފުންޏެއްގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މީހާގެ ދުނިޔޭގެ ރެކޯޑާއެކު ގިނިސް ރެކޯޑް ފޮތުން ވޯލްޓާއަށް ޖާގަ ދިނީ ފެބުރުއަރީ 2022 ގައެވެ. އެއީ 84 އަހަރާއި 9 ދުވަހުގެ މަސައްކަތެވެ. އޭޕްރިލް 19 ވަނަ ދުވަހު 100 ވަނަ އުފަންދުވަސް ވޯލްޓާ އަދިވެސް ހުރީ އޭނާގެ އުމުރު ދުވަސް އެ ކުންފުންޏެއްގައި ހޭދަ ކުރި، ކުންފުނީގައި ވަޒީފާ އަދާ ކުރާ ގޮތަށެވެ. މުސްކުޅިވެގެން ވަޒީފާއިން އެކަހެރި ވުމުގެ ފިކުރެއް ނެތެވެ.
އޭނާ މަސައްކަތް ފަށައިގަތް ދުވަސްވަރާ ހިލާފަށް، ފޯނަކާ އިންޓަނެޓް ކަނެކްޝަނެއް އޮވެއްޖެނަމަ، ދުނިޔޭޣެ ކޮންމެ ތާކު ހުރެގެންވެސް މިއަދު ވިޔަފާރި ހިންގިދާނެ ކަމަށް ވޯލްޓާ ބުނެއެވެ. ކުރިން ދަތުރުފަތުރު ކޮށް އުޅުނު ފަދައިން އެކަން ނުކުރެވުނު ނަމަވެސް، މިއަދުވެސް ވަޒީފާ އަދާ ކުރުމުގައި ޓެކްނޮލިޖީގެ ސަބަބުން ވޯލްޓާއަށް ލިބޭ ލުއި ފަސޭހަ ކަން، ފާހަގަ ކުރަން ޖެހެއެވެ.
އުމުރުން ދޮށީވަމުން ދިޔަ ނަމަވެސް، ހަރަކާތްތެރިކޮށް މަސައްކަތް ކުރަން ބޭނުން ފަރާތްތަކަށް ވޯލްޓާ ވަނީ ހާއްސަ މެސެޖެއްވެސް ދީފައެވެ. އެގޮތުން ކުރާ ކަމަކާ ގަޔާވުމަށާ، ރުޅި ނައުމުގެ އިތުރުން އަދުއްވުން ނުގެންގުޅުމަށް ވޯލްޓާ ވަނީ ގޮވާލާފައެވެ.