5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އަންނަ މަހު 4 ގައި އޯލެވެލް އިމްތިހާނު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ އިމްތިހާނު ހަދާ ސެންޓަރުތަކަށް އިމްތިހާނު ކަރުދާސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އިމްތިހާނު ހަދާ ސެންޓަރުތަކަށް ޕޭޕަރުތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް މިމަހުގެ 29 ވަަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

އޯލެވެލް އިމްތިހާނު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މޭއިމަހުގެ 4 ވަނަ ދުވަހުން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް އިމްތިހާނު ކުރިއަށްދާނެއެވެ. އެގޮތުން މި އަހަރުގެ އިމްތިހާނު ޖުމްލަ 5939 ދަރިވަރުން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ކޯވިޑްއާ ގުޅިގެން މިވޭތުވެދިޔަ ދެ އަހަރު ތެރޭގައި ބައެއް އިމްތިހާނުތައް ވަނީ ފަސްކޮށްފައެވެ.