ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ އެމްބިއުލާންސް ސަޕްލައި ކުރުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯއާ ހަވާލުކުރި ޕްރޮޖެކްޓް ނިންމާ 96 ރަށުގެ އެމްބިއުލާންސް މިނިސްޓްރީ އާއި ހަވާލު ކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީސް ގައި މިއަދު ބޭއްވި ހަފްލާގައި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު ވަނީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަށް 96 ވަނަ އެމްބިއުލާންސް ހަވާލުކޮށްދެއްވާފައެވެ.

ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާއި ހަވާލު ކޮށްފައިވަނީ ޖޫން 10، 2021 ގައެވެ. އެދުވަހުން ފެށިގެން އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާއި ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތް މިނިސްޓްރީއާއި ވަނީ ހަވާލުކޮށްފައެވެ.

ސިއްހީ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ނުވަތަ އެމްބިއުލާންސް ހަލާކުވެގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށްވެސް ބައެއް މީހުން ފާޑުކިޔާފައިވެސްވެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.