ފާއިތުވި ތިން އަހަރާ އަޅާބަލައި އިރު، މިއަހަރުގެ ރޯދަމަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބުނެފިއެވެ.

އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދުވެސް ފާއިތުވި ތިން އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގިނަ ކަމަށާއި ރޯދަމަސް ފެށިގެން ފާއިތުވި ތިން ހަފުތާގައި މުދާ އެތެރެކުރި އަދަދު ވަކިން ގިނަ ކަމަށެވެ. އަދި ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ މުދާ އެތެރެކުރި އަދަދު ގިނަ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެ ކުންފުނިން އަމާޒު ކުރީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާކުރުމުގެ އޮޕަރޭޝަން އަވަސްކޮށް ވީހާވެސް އަވަހަށް އެ މުދާ ބާޒާރަށް ނެރެވޭނެ ގޮތްތައް ހަދައިދިނުން ކަމަށާއި އެ އަމާޒު ވަރަށް ރަނގަޅަށް ހާސިލުކުރެވެމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރޯދަމަސް ފެށިގެން މިހާތަނަށް ޕެރިޝަބަލް މުދާ ހިފައިގެން އެކަނިވެސް 26 ބޯޓެއް ރާއްޖެ އައިސްފައިވާއިރު ކޮންޓެއިނާ މުދާ ގެންނަ ބޯޓުތައްވެސް ކޮންމެ ތިން ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ރާއްޖެ އާދެއެވެ.

ރޯދަމަހަށް އޮޕަރޭޝަންތައް ވަރުގަދަކޮށް މުދާ ގެންނަ ބޯޓުތައް ހުސްކޮށްލައި އަވަހަށް ފުރުވާލެވޭނެ އިންތިޒާމާއި ގެންނަ މުދާ އަވަހަށް ކްލިއާ ކުރެވޭނެ ހާއްސަ އިންތިޒާމްތައް އެމްޕީއެލް އިން ވަނީ ހަމަޖައްސާފައެވެ.