ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި 49.6 ޕަސަންޓް މަސައްކަތް ނިންމާލާފައިވާ ކަމަށް މަޖިލީހުން ބުނެފިއެވެ.
މަޖިލީހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ނިމުނު ފުރަތަމަ ދައުރުގައި މަޖިލީހަށް 28 ބިލެއް ހުށަހަލާފައި ވާއިރު އޭގެ ތެރެއިން މަސައްކަތް ނިންމިފައި ވަނީ 8 ބިލެއްގައެވެ.
ހަމައެހެންމެ މެންބަރުން 10 ގަރާރެއް ހުށަހެޅި އިރު އޭގެ ތެރެއިން ދެ ގަރާރެއް ވަނީ ނިންމާފައެވެ. ޖުމުލަ 35 ޖަލްސާއެއް މިދައުރުގައި ބާއްވާފައިވާއިރު ސަރުކާރުގެ ފަރާތުން 8 ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ. އަދި މީގެ ތެރެއިން 7 ހުށަހެޅުމެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރިޔާސަތުން 8 ހުށަހެޅުން ވަނީ ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން 5 މަސައްކަތެއް ވަނީ ނިންމާފައި ވެއެވެ.
މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ކުއްލި މައްސަލައިގެ ގޮތުގައި 12 މައްސަލައެއް ހުށަހެޅާފައިވާއިރު ހުރިހާ މައްސަލައެއް ވެސް ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން މި ދައުރުގައި ވަޒީރުންނަށް ކުރުމަށް 49 ސުވާލެއް ހުށަހަޅާފައިވާއިރު ވަޒީރުންނާ 26 ސުވާލެއް ވަނީ ކޮށްފައިވެއެވެ.
އިއްޔެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިމިފައި ވާއިރު މަޖިލީހުގެ ދެ ވަނަ ދައުރު ފަށާނީ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.