އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިއުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި ކަމަށެވެ.
އަދި ހުޅުމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގައި ކަމަށާއި ވިލިމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގައި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އީދު ނަމާދަށް އަންނައިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް:
- ކޮންމެމީހަކުވެސް ގެއިން ވުޟޫކޮށްގެން އައުން
- އަމިއްލަ މުސައްލައެއް ގެނައުން
- އަމިއްލަ ފެންފުޅިއެއް ގެނައުން
- ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުން
މިނިސްޓްރީން ވަނީ މިކަންތައްތަކަށް ސަމާލުވުމަށް އަންގާފައެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ އީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.