ފޮރިން ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑު ކަނޑައެޅުން ރައީސް އޮފީހުން ވަކިކުރުމަށް ފަހު އެކަން ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފޮރިން ސާވިސްގެ ބިލަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެއްޅުއްވި މި ބިލު ދިރާސާކޮށް، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ވޯތަށް އެހުމުން އެ ރިޕޯޓް ފާސްވީ 44 މެންބަރުންގެ ވޯޓުންނެވެ.

ފޮރިން ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ، ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމެވެ. މީގެ އިތުރުން، ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން ރިޓަޔާކުރާ ނުވަތަ ކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދޭން ވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ސިވިލް ސާވިސްގެ ދަށުން ފޮރިން ސާވިސް ވަކިކޮށް އެއީ ވަކި ސާވިސްއެއްގެ ގޮތުގައި ކަނޑައެޅުމަށް އެކުލަވާލި ގާނޫނު ތަސްދީގު ކުރީ މިދިޔަ ނޮވެމްބަރުގައެވެ. ނަމަވެސް، އެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 14 ގައެވެ.