"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހހު ނެރުއްވި ގަރާރު އުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އިދިކޮޅުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށައެޅުއްވައިފާ ވަނީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މި މައްސަލަ މަޖިލީހުގައި ބަހުސް ކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. އަދި މައްސަލައަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވާފައިވާތީ އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

އާދަމް ޝަރީފްގެ މައްސަލައިގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާ ކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ހައްގެއް ނިގުޅައިގަތުމަށް ގާނޫނެއް ނުވަތަ ގަރާރެއް އެކަށައެޅި ނަމަވެސް އެ ވާނީ ބާތިލު އެއްޗެއްކަމަށް ގާނޫނުގައި ކަނޑައަޅައިފައިވާ ކަން ފާހަގަކޮށް އާދަމް ޝަރީފްގެ މައްސަލައިގައި އިތުރަށް ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ފުލުހުންނާއި ސަރުކާރުގެ އޮފީސްތައް މެދުވެރިކޮށް ހުރަސް އަޅައި، ބިރުދައްކައި އަދި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.