ދައުލަތަށް ގިނަ ދުވަސްތަކެއް ވާންދެން ހިދުމަތް ކުރައްވާފައި ވާ ބ. ކުޑަރިކިލު ނޫރާނީމާގެ މުހައްމަދު ޖަލީލް މިއަދުގެ ވަގުތެއްގައި ނިޔާވުމާ ގުޅިގެން އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ ތައުޒިޔާގައި ޖަލީލަކީ ދިގު މުއްދަތެއްގައި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޖަލީލު ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަމާއި ބ. އަތޮޅު އެޓާނީ ޖެނެރަލްގެ އެހީތެރިޔާކަމުގެ އިތުރުން ކުޑަރިކިލު ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.

މީގެ އިތުރުން އެޓޯލްސް މިނިސްޓްރީގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ޖަލީލު ވަނީ އެ މިނިސްޓްރީގެ ސީނިއާ އަންޑާ ސެކްރެޓަރީގެ މަގާމާއި ވަކީލެއްގެ މަގާމާއި ޑިރެކްޓަރެއްގެ މަގާމާއި ސީނިއާ އިންވެސްޓިގޭޓަރެއްގެ މަގާމުގެ އިތުރުން އިންވެސްޓިގޭޓަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.

16 ފަހަރު މަތިން 13 އަތޮޅެއްގެ އަތޮޅު އޮފީސްވެސް ޖަލީލު ވަނީ ހިންގަވާފައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 74 އަހަރެވެ.