ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުން އަލުން ބަންދު ކުރުމަށް ހައި ކޯޓުން އަމުރު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިމަހު 6 ވަނަ ދުވަހު ބަންދުން ދޫކޮށްލާފައި ވަނީ އެ މައްސަލައިގައި އެންމެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރި ޕީއެންސީގެ ކައުންސިލް މެންބަރު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި ވައިލެޓްވިލާ، އަހުމަދު މޫސާއެވެ.

އެމީހުން ދޫކޮށްލީ ބޭސްފަރުވާއާ ގުޅިގެން ކުރި ޝަކުވާތަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ބަންދުން ދޫކޮށްލަން ވާނީ ބޭސްފަރުވާ ދިނުމުގައި އިހުމާލުވެ އޭނާއަށް ބޮޑު ގެއްލުމެއް ނޫނީ ފުރާނައަށް ނުރައްކާ ވާނެ ކަމަށް ބެލެވޭ ހާލަތުގައި ކަމަށެވެ.

ހައި ކޯޓުން މި ގޮތަށް ނިންމެވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މީހުންގެ ސިއްހީ ފަރުވާއާ ގުޅިގެން މީހަކު ބަންދުން ދޫކުރެވޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައި އޮތަސް، އެ ނިންމުމާ މިހާރު ދުރަށް ދާންޖެހޭ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.