އަރަބިއްޔާ ސްކޫލުގެ ޓީޗަރެއް ކަމަށްވާ ޒަމްޒަމް ފާރިޝް އެޑިއުކޭޝަން މިނިސްޓްރީން މަސް ދުވަހަށް ސަސްޕެންޑް ކުރުމާ ގުޅިގެން ބެލެނިވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ނެރުމުން ނުވި ނުރައްކާ މިއަދު ވެއްޖެ ކަމަށް ބުނުމުން "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ފާޑު ކިއި ކަމަށް ނިންމާ އަރަބިއްޔާ ސްކޫލުގެ ޓީޗަރަކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

އެ މައްސަލައިގައި ޒަމްޒަމް ސަސްޕެންޑުކޮށްފައިވަނީ 30 ދުވަހަށެވެ. އޭނާ އަރަބިއްޔާ ސްކޫލުގައި އަދާކުރައްވަނީ ހަދީޘް މުދައްރިސެއްގެ ވަޒީފާއެވެ.

ޒަމްޒަމް ފާރިޝް ސްކޫލަށް ނުދެވޭނެހެން އެޑިއުކޭޝަނުން ނުހައްގުން ސަސްޕެންޑު ކުރުމާ ގުޅިގެން އެ ސްކޫލު ދޮށުގައި ބެލެނިވެރިން މިހާރު ސުލްހަވެރި އިހްތިޖާޖެއް ކުރަމުންދާއިރު ބެލެނިވެރިން އެތަނުގައި އިހުތިޖާޖު ކުރަމުންދަނީ އެއްވައްތަރެއްގެ ޓީޝާޝެއް ލައިގެންނެވެ.

ހަމައެހެންމެ އިހުތިޖާޖު ކުރަމުންދާ ބެލެނިވެރިން އަންނަނީ އަރަބި އިސްލާމީ ތައުލީމު ހިމާޔަތް ކުރުމަށް ގޮވާލަމުންނެވެ. އަދި ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ޒަމްޒަމް މީގެ ކުރިން ކުރި ޓްވީޓުގައި ބުނީ އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ލިޔުމުން ވެސް ގައުމީ ސަލާމަތަށް ނުވި ނުރައްކަލެއް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ދަމާ ބެނާ އަކުން ވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއި ކުރައްވަާ ޒަމްޒަމް ފާރިޝްއަށް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި ދައުރާއި ޒިންމާތަކާ ހިލާފުކަމެއް ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެވިފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

'އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން' ގެ ނަމުގައި މިމަހު 21 ވަނަ ދުވަހު ރައީސް ނެރުއްވި ގަރާރުގައި، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތް ތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވިއެވެ.