1940 އާއި މިހާރާ އަޅާ ބަލާއިރު، އިނގިރޭސިވިލާތުން ލިބެން ހުރި މޭވާއާއި ތަރުކާރީގައި، ހަށިގަނޑަށް ފައިދާ ހުރި މާއްދާ (ނިއުޓްރިއަންޓްސް) އެކުލެވޭ މިންވަރު، 50 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެގޮތުން މެގްނީޒިއަމް، ދަގަނޑު، ސޯޑިއަމް އަދި ކޮޕާގެ މާއްދާ ހީނަރުވެފައި ވާ ކަން ވަނީ ފަހަގަ ކުރެވިފައެވެ. މިއާއެކު، އިނގިރޭސިވިލާތުގެ ރަށްވެހިންނަށް މެލްނިއުޓްރިޝަންގެ މައްސަލަ ނުވަތަ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެކަށީގެންވާ މިންވަރަށް ނުލިބުމުގެ ނުރައްކާ އެބައޮތް ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާޚާރުން ވަނީ ދެއްވާފައެވެ.

މޭވާއާއި ތަރުކާރީގެ ބާވަތްތަކުން ނިއުޓްރިއަންޓްސް ދަށްވުމުގެ މައްސަލަ ކުރިމަތިވީ، ސިނާއީ ފެންވަރުގައި ދަނޑުވެރިކަން ކުރަން ފެށުމާއި އެފަދަ އުފެއްދުންތައް އިމްޕޯޓް ކުރުމަށް މާ ބޮޑަށް ބަރޯސާވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިރާސާތައް ނަތީޖާ ނެރުމަށް ކޯވެންޓްރީ ޔުނިވާސިޓީގެ ރިސާޗަރުން ވަނީ 28 ބާވަތެއްގެ މޭވާއާއި ތަރުކާރީގައި ނިއުޓްރިއަންޓްސް އެކުލެވޭ މިންވަރު ވަޒަން ކޮށްފައެވެ. އޭގެ ތެރޭގައި 1940، 1991 އަދި 2019 ވަނަ އަހަރު އިނގިރޭސިވިލާތުން ލިބެން ހުރި އަލުވި އަދި ދޮންކެޔޮ ފަދަ ބާވަތްތައް ހިމެނެއެވެ.

ދިރާސާ ޓީމުން ވަނީ، މިހާރުގެ ބައެއް ބާވަތްތަކަކީ އުފެއްދުންތެރިކަމާއި މާލީ ފައިދާ އިތުރު ވާ ގޮތަށް ފަރުމާކޮށްގެން ހައްދާ ބާވަތްތަކެއް ކަން ފާހަގަ ކޮށްފައެވެ. އަދި އެ އަމާޒަށް މަސައްކަތް ކުރުމުގެ ތެރޭގައި، ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތަކުން ނަޒަރު ކަސިޔާރު ވެފައި ވާ ކަންވެސް ދިރާސާ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ.