ކެއުންބުއިމުގެ އެކި ބާވަތްތައް ތައްޔާރު ކުރުމުގައި އެންމެ އާންމުކޮށް ބޭނުން ކުރާ ތެލުގެ އެއް ބާވަތް ކަމަށް ވާ ޕާމް އޮއިލް އެކްސްޕޯޓް ކުރުން މަޑުޖައްސާލުމަށް އިންޑޮނޭޝިއާއިން ނިންމުމާއެކު، ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރުގެ އިންފްލޭޝަން ރޭޓް އަދިވެސް އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ޕާމް އޮއިލްގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އިންޑޮނޭޝިއާއިން ކަމަށް ވާ އިރު، އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުން މަޑުޖައްސާލަނީ ދާހިލީ ފެންވަރުގައި ސަޕްލައި ހީނަރު ވަމުން ދާތީ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ، އިންޑޮނޭޝިއާގެ އެތެރޭގެ ބާޒާރުތަކުގައި، ކެއުންބުއިމަށް ބޭނުން ކުރާ ތެލުގެ ސަޕްލައި ހުރި/ނެތް މިންވަރު ވަޒަން ކުރައްވާނެ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުކިންގް އޮއިލްގެ އަގުތައް ވަނީ މި އަހަރު އެކަނިވެސް 40 ޕަސެންޓަށް އުފުލިފައެވެ. ވިޑޯޑޯ ވަނީ ކުކިންގް އޮއިލްގެ އިތުރުން ރޯ މެޓީރިއަލްގެ އެކި ބާވަތްތައް އިންޑޮނޭޝިއާއިން ބޭރަށް ފޮނުވުން، އޭޕްރިލް 28 ވަނަ ދުވަހުން ފަށައިގެން ވަގުތީ ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާއާއި ޗައިނާއަކީ ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ޕާމް އޮއިލް، އެންމެ ގިނަ އަދަދަކަށް ގަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ 2 ގައުމެވެ. ޒީނަތްތެރިވުމަށް ބޭނުން ކުރާ ބައެއް ސަމާނާއި ދޮންނަން ބޭނުން ކުރާ ޑިޓާޖަންޓްގެ އިތުރުން ކެއުންބުއިމުގެ އުފެއްދުންތަކުގައިވެސް ޕާމް އޮއިލް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި އެކި ޒާތުގެ ބިސްކޯދުތަކާއި ޗޮކުލެޓުވެސް ހިމެނެއެވެ.

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުން ހުއްޓާލަން ނިންމާފައި ވާ މި ދަނޑިވަޅަކީ، ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ސްންފުލާވާ އޮއިލްގެ ހީނަރުކަންވެސް ކުރިމަތިވެފައި ވާ ދަނޑިވަޅެކެވެ. އަދި ކެނެޑާއާއި އާޖެންޓީނާގެ އިތުރުން ބްރެޒީލްއަށް ކުރިމަތިވެފައި ވާ ހީނަރުކަމުގެ ސަބަބުން، ސޯއީއާއި އެނޫންވެސް ބާވަތުގެ ތެޔޮ ލިބުން ވަނީ ދަތިވެފައެވެ.

ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ޕާމް އޮއިލް އުފައްދަނީ މެލޭޝިއާއިންނެވެ. ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވެ، އެކަމުގެ ނޭދެވޭ އަސަރު، އެ ސިނާއަތަށް ވަނީ ފޯރާފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެކަމަށް ހައްލު ލިބުންވެސް ނާދިރެވެ.

ސަންފުލާވާ ތެޔޮ ލިބުން މިހާރުވެސް ދަތިވެފައިވާ އިންޑިއާއިން، އިންޑޮނޭޝިއާ އަތުން 4 މިލިއަނެއްހާ ޓަނުގެ ޕާމް އޮއިލް ގަނެއެވެ. ބައެއް ހަބަރުތައް ބުނާ ގޮތުގައި އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް، މުމްބާއީގައި، ސާފު ނުކުރާ ޕާމް އޮއިލް ގެ އަގު ވަނީ، މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާ ބަލާއިރު 50 ޕަސެންޓް އުފުލިފައެވެ.