ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި 17 ކިލޯގެ ޑްރަގް ސޯސަން މަގުން ދިޔަ ޕިކަޕެއްގައި ގެންދަނިކޮށް ހިފެހެއްޓި މައްސަލައިގައި ހައްޔަރު ކުރި ދެ ދިވެހިންވެސް އެންމެ ފަހުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު، 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ސޯސަންމަގާއި ރަތްވިލާމަގު ގުޅޭ ކަންމަތިން ދިޔަ ޕިކަޕެއްގެ ތެރެއިންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
އެއީ ކ، ހިންމަފުށި، ސީސަންގެ، އަބްދުﷲ އަހްތަރާއި ކ،މާލެ، ގ. ބްރައިޓްސްޓާ، މުހައްމަދު އިމްއާން ޝަމީލް ގެ އިތުރުން މުހައްމަދު ބުރުހާނުއްދީން އާއި އަބްދުއްރަހުމާނެވެ. މީގެ ކުރިން ވަނީ މި މައްސަލައިގައި ހައްޔަރު ކުރި ދެ ބިދޭސީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު އެމީހުން ވަނީ ކްރިމިލް ކޯޓުން މިދިޔަ ބުދަ ދުވަހު ދޫކޮށްލާފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެ ދިވެހިން ދޫކޮށްލާފައި ވަނީ އެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމުންނެވެ. އެ ގޮތުން އަހްތަރުގެ ބަންދުގެ މުއްދަތު މިދިޔަ ބުދަ ދުވަހަށް ހަމަވިއިރު، އިމްއާންގެ ބަންދުގެ މުއްދަތު ވަނީ ހުކުރު ދުވަހަށް ހަމަވެފައެެވެ. މި މައްސަލައިގައި ހިމެނޭ ދެ ދިވެހިންނަކީ ޑްރަގް މައްސަލަތަކުގައި ހައްޔަރުކު ރުމާ އަދި ބަންދު ކުރުމުގެ ރެކޯޑުތައް އޮތް ދެ މީހުން ކަމަށް ކޯޓު އަމުރުގައި ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް އެ ދެ މީހުން ވެސް މި މައްސަލައިގެ ތުހުމަތަށް ވަނީ އިންކާރު ކޮށްފައެވެ.
އެ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ފާޓިލައިޒާ ޝިޕްމަންޓެއްގައި އޯގަނިކް ފާޓިލައިޒާގެ ގޮތުގައި ޑިކްލެއާކޮށްގެން ކަމަށާއި އެ ތަކެތި ރާއްޖެ އެތެރެކުރީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އެ ޝިޕްމަންޓުގައި ހުރި 'އޯގަނިކް ފާޓިލައިޒާ' ޕެކެޓުތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށާއި ކަސްޓަމްސްއިން އެ ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (ހަޝިޝް އޮއިލް)އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެ ސާވިސްއިން ވަނީ ބުނެފައެވެ.
އެ 17 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީގެ އަގު 13.6 މިލިއަން ރުފިޔާއަށް އަރައެވެ.