ސަރުކާރުން ގަރާރެއް ނެރުނަސް، އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށް، އެެ ކޯލިޝަނުން ރޭ ބުނެފިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެއާއެކު، ފުލުހުން ވަނީ އިދިކޮލު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި ހަރުކޮށްފައިވާ ބެނާ އާއި، ޕީޕީއެމް އޮފީސް ހުންނަ ހ. ހުރަފައިގައި ހަރުކޮށްފައިވާ ބެނާ ނަގައިފައެވެ.

އެހެންވެ، އިދިކޮޅުން ވަނީ އަކުރު ބަދަލުކޮށް "IN DEAR OUT" ޖަހައި އިމާރާތްތަކުގައި ދަމަން ފަށައިފައެވެ. އެގޮތުން ގަލޮޅުގެ ގެއެއްގައި ހަރުކޮށްފައިވާ ބެނާއެއް ފުލުހުން ނަގާފައިވެއެވެ.

އޭގެ ފަހުން ރޭގެ އިރާކޮޅުގެ ވަގުތެއްގައިވެސް އިދިކޮޅުން "INDEAR OUT" ޖަހައި ހެންވޭރު ސްލްވަވޭވް ގޭގައި ބެނާއެއް ހަރުކޮށްފައި ވާއިރު، ޕީޕީއެމުން ފޮޓޯ އާ އެކު ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ސަރުކާރުން ބިރު ދައްކަން ނެރޭ ގަރާރަކުން އަދި މި ހަރަކާތް (އިންޑިއާ އައުޓް ހަރަކާތް) ނުހުއްޓޭނެ" ކަމަށެވެ.

އަކުރު ބަދަލުކޮށް ރޭ ބެނާ ހަރުކުރިތާ އިރުކޮޅެއް ފަހުން ފުލުހުން ވަނީ އެ އިމާރާތުގައި ހަރުކޮށްފައިވާ ބެނާ ނަގަން އެ އިމާރާތުގެ ވެރި ފަރާތަށް އަންގާފައެވެ. ނަމަވެސް ބެނާ ނަގާފައި ނުވާތީ ފުލުހުން މިއަދު ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ ބެނާ ނަގާނެ ކަމަށް ބެލެވެއެވެ.

ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގޮވާލައްވައި ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ގޮތުން، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެކެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ދާހިލީ ހަމަޖެހުމުގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލާ ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހަރަކާތެއް ސަރުކާރުން ހުއްޓުވަން ޖެހޭ ކަމުގައިވެސް އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް، ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ގަރާރު ބާތިލްކުރަން ކޯޓަށް ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.