ދިވެހިރާއްޖެއަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް ބިނާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި އިމާރާތްކުރާ ކީރިތި ގުރްއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަގައި، ދިވެހިރާއްޖެއަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނި ތިބި ފަރާތްތަކުން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.
އަދި މި މަސްއޫލިއްޔަތަކީ މުޖްތަމައުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖްތަމައުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.
މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ދެއްކެވި ވާހަކަގައި މި މަރުކަޒުގެ ތެރެއިން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ، މިއީ މި ސަރަހައްދުގެ މައި މަރުކަޒަކަށް ހައްދަވާދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދިޔަ އޮކްޓޯބަރު މަހު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުގައި ވަނީ އެ ސިޓީގައި ކީރިތި ގުރްއާނާބެހޭ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ފުރިހަމަ ގޮތެއްގައި ފެށިގެންދާނެ ކަމުގައި ވިދާޅުވެފައެވެ. އެ ސެންޓަރަކީ މުޅި އެ ސަރަޙައްދަށްވެސް ފައިދާ ކުރާނެ ތަނަކަށް ހައްދަވާނެކަމުގެ ޔަގީންކަން އެ ދަތުރުގައި ނައިބު ދެއްވިއެވެ. އަދި ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލައް ސިޓީގެ ގޮފީގެ އެކިއެކި ޕްރޮގްރާމްތަކުގައި މިހާރުވެސް އެ ސަރަހައްދުގެ އެހެން ބައެއް ރަށްރަށުން ދަރިވަރުން ބައިވެރިވެފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.
ފުވައްމުލައް ސިޓީގައި ގާއިމްކުރާ ކީރިތި ގުރްއާނާބެހޭ މަރުކަޒުގައި ރިސެޕްޝަނާއި މީޓިން ރޫމްގެ އިތުރުން އޮޑިޓޯރިއަމަކާއި ލައިބްރަރީއެއް ހިމެނެއެވެ. މި އިމާރާތުގައި އޮފީސް ހިންގުމަށް ވަކިން ބަޔަކާއި ގުދަނާއި ފާހަނާ ވެސް ހިމެނޭއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ނަމާދުކުރަން ކޮޓަރިއެއްވެސް ހިމެނޭނެއެވެ.
ޖުމްލަ 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާއެވެ.