2017 ވަނަ އަހަރު މާލޭގެ ގެއަކުން އަތުލި މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށްފައި ނެތް ކަމަށް ބުނެ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރި ފަސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޑިސެމްބަރު 12، 2017 ވަނަ ދުވަހުގެ ހަވީރު މާލޭގެ ގެއެއްގެ ކޮޓަރި ބަލައި ފާސްކޮށް، ޑައިމޯފިން އަޅާފައި ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކުދި ރަބަރު ޕެކެޓުތައް އެތަނުން ވަނީ ހޯދާފައެވެ. އެ ތަކެތީގެ ބަރުދަން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރެވޭ 4 ގްރާމުގެ މިންގަނޑަށް ފެތޭތީ، އެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ.
ދައުވާ ލިބުނު މީހުންނަކީ، ސީވޭވް، ސ. ހުޅުދޫ، އަލީ ނަހްދާން އާއި ލުނބޯމާގެ، ރ. މަޑުއްވަރި، މުހައްމަދު ސަމާއިލް އާއި ގ. ބްރައިޓްސްޓާ، ކ. މާލެ، އާއި ގ. ބްރައިޓްސްޓާ، ކ. މާލެ، މުހައްމަދު އިމްއާން ޝަމީލްގެ އިތުރުން ނޫވިލާގެ، ރ. މަޑުއްވަރި، ހުސެއިން ރިމާހު އާއި ސަނީވޭވް، ސ. މަރަދޫ، އަބްދުﷲ ޝާތިރު އަދި ހިތިގަސްދޮށުގެ، ސ. ހިތަދޫ، އަބްދުﷲ އަޒުހީނެވެ.
މި މީހުންގެ ތެރެއިން އަޒުހީން އިބްތިދާއީ މަަރުހަލާގައި ދައުވާއަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުރިން ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ. އަޒުހީން ފިޔަވައި އެހެން އެންމެން ވެސް ބުނެފައި ވަނީ ޑްރަގް ކަމަށް ބުނާ ތަކެތި ފެނުނު ތަނަކީ އެ މީހުންނާ ގުޅުންހުރި ތަނެއް ނޫން ކަމަށެވެ.
އިންކާރު ކުރި އެންމެންގެ މައްސަލަ ބަލަން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑިއެހުމުގައި ގާޒީ އިސްމާއިލް ޝަފީއު ހުކުމް ކުރެއްވީ، އެ ފަސް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ ހުކުމުގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ ތިން ތަހުލީލު ރިޕޯޓާއެކު ފުލުހުން ހުށަހެޅި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނޫން ކަމަށެވެ. ޑްރަގް ކަމަށް ބުނާ ތަކެއްޗާ ފުލުހުންގެ ތެރެއިން ހަވާލުވި ބައެއް މީހުންގެ އަތަށް އެ ތަކެތި އައި ގޮތުގެ ފުރިހަމަ ސިލްސިލާ، ޗެއިން އޮފް ކަސްޓަޑީގައި އެނގެން ނެތް ކަމަށެވެ.
އެހެންކަމުން ގާޒީ ޝަފީއު ހުކުމް ކުރެއްވީ އެ މީހުން ތިބި ތަނުން ނެގި ތަކެއްޗަކީ ޑައިމޯފިންކަން ސާބިތު ނުކޮށްދެވޭތީ، އެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށެވެ.
އެ ފަސް މީހުންގެ މައްޗަށް ކުށް ސާބިތުވި ނަމަ އަންނާނެ އަދަބަކީ އުމުރު ދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.