ކޮވިޑް-19 އާ ގުޅިގެން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދިނުމުގައި އޮތް ލުއިތައް އުވާލައިފިއެވެ.

އާސަންދައިން ބުނީ، ކޮވިޑާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި ވުމާއި، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދުމުގައި އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ހާލަތުގައި ދިން ލުއިތައް މިހާރު އުވާލާފައިވާ ކަމަށެވެ.

އަދި ކުރިން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދެމުން ގެންދިޔަ ގޮތަށް ސްކީމްގެ ހިދުމަތްތައް ބަދަލު ކޮށްފައިވާ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ގެނައި ބަދަލުތަކާއެކު އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ދެން ފޯރުކޮށްދޭނީ ހަމައެކަނި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނެވެ.

މީގެ އިތުރުން އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލިމީހާއަށް އިތުރު އެއްވެސް ހިދުމަތެއް ބޭނުންވެގެން ނަގަން ރިކުއެސްޓް ކުރާނަމަ ނުވަތަ އެދޭނަމަ، އެ ރިކުއެސްޓެއް އަންނަން ވާނީ "ވިނަވި" ޕޯޓަލްގެ ތެރެއިން ކަމަށްވެސް އާސަންދައިން ބުނެއެވެ. "ވިނަވި" ޕޯޓަލްއިން ރިކުއެސްޓް ކޮށްފައި ނުވާ ކަމަކަށް ހިދުމަތް ނުދެވޭނެ ކަމަށް ވެސް އާސަންދައިން ބުނެއެވެ.

ހަމައެހެންމެ ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށްވެސް ދެން ހިދުމަތް ދޭނީ ކުރިން ދިން ގޮތަށް ކަމަށްވެސް ބުނެއެވެ. އެގޮތުން ކޮންމެ ބޭސް ސިޓީއަކަށްވެސް ބޭސް ދޫކުރާނީ އެއްފަހަރު ކަމަށާއި އަދި އަލުން ބޭސް ނަގަން ޖެހޭނަމަ، އާ ބޭސްސިޓީއެއް ހޯދަން ޖެހޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އިތުރަށް އާސަންދައިން ބުނީ އެ ސްކީމްގެ ދަށުން ކަވަރޭޖް ދެވޭނީ އައިޑީކާޑު، ޕާސްޕޯޓްގެ އަސްލު ނުވަތަ ސޮފްޓް ކޮޕީ ހުށަހެޅުމުން ކަމަށެވެ. އަދި ސްކީމްގެ ތެރެއިން ބޭސް ދޫކުރާނީ ހަމައެކަނި އީ-ޕްރިސްކްރިޕްޝަނަށް ކަމަށާއި އަތުން ލިޔެފައިވާ ބޭސްސިޓީތަކަށް ދޫ ނުކުރާނެ ކަމަށެވެ.

އާސަންދައިން އިހު އޮތް ގޮތަށް ހިދުުމަތްތައް ބަދަލު ކުރި އިރު، އެ ސްކީމުން ވައްކަމާއި ކޮރަޕްޝަން ހިންގާ ކަމުގެ ބޮޑެތި ތިހުމަތުތައް ދަނީ ކުރަމުންނެވެ. އަދި އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސްވެސް ދަނީ ކުރިއަށެވެ.