އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރިޕޯޓް މިންވަރު އަނެއްކާވެސް މައްޗަށް ދާން ފަށައިފިއެވެ.

އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީއިން ކޮވިޑްގެ 2000 އަށް ވުރެ ގިނަ އާ ކޭސް ރިޕޯޓް ކޮށްފައި ވާއިރު، އެއީ 24 ގަޑިއިރަށް ބަލާއިރު 1000 އެއްހާ ކޭހުގެ އިތުރުވުމެކެވެ. މިއާއެކު އެކްޓިވް ކޭސްލޯޑް 12000 އަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީއިން މިއަދު ވަނީ ހާމަ ކޮށްފައެވެ.

މި ދަނޑިވަޅަކީ އިންޑިއާގެ އެކި ހިސާބުތަކުގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއް ކަމުން، ޔޫނިއަން ހެލްތު މިނިސްޓަރު ރާޖޭޝް ބުޝާން ވަނީ، ހާއްސަ ސަމާލުކަމެއް ދީގެން ކޮވިޑްގެ މަސްރަހު ވިލަރެސް ކުރުމަށް 5 ސްޓޭޓަކަށް އިރުޝާދު ދެއްވާފައެވެ. އެއީ ދިއްލީގެ އިތުރުން ހަރްޔާނާ، މިޒޯރާމް، އުއްތަރަ ޕްރަދޭޝް އަދި މަހާރާޝްތުރާއެވެ.

ކޮވިޑް ކްލަސްޓާތައް ފާހަގަކޮށް، އެކަށީގެންވާ ފެންވަރުގައި ޓެސްޓު ކުރުން ކުރިއަށް ގެންދިއުމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އެ ސަރަހައްދުތަކަށް ގޮވާލައްވާފައެވެ. އަދި ޝަރުތު ހަމަވާ ހުރިހާ އެންމެންގެ ވެކްސިން ފުރިހަމަ ކުރުމަށްވެސް ވަނީ ބާރު އަޅާފައެވެ.

ފާއިތުވީ 7 ދުވަހުގެ ތެރޭގައި އިންޑިއާއިން 9578 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، އެއީ މީގެ ކުރީ 7 ދުވަހާ އަޅާ ބަލާއިރު 35 ޕަސެންޓް އިތުރު އަދަދެކެވެ.

ޑިސެމްބަރު 2019ގައި ޗައިނާއިން ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރަން ފެށިފަހުން އިންޑިއާއަށް ބަލިމަޑުކަން ފެތުރި، އަދާ ޖެހުނުއިރު އެ ގައުމުން ވަނީ 43047594 ކޮވިޑް ކޭސް ރިޕޯޓް ކޮށްފައެވެ. އަދި މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ ރަސްމީ އަދަދަކީ 522006 އެވެ. ނަމަވެސް ހަގީގީ ނަމްބަރުތައް މިއަށްވުރެ މަތި ވާނެ ކަމަށް ބެލެވެއެވެ.