އޭނާ ކުރިން މަސައްކަތް ކުރި ކުންފުނިން، އުފަން ދުވަހުގެ މުނާސަބާގައި ސަޕްރައިޒް ޕާޓީއެއް ބޭއްވުމުން، އެކަމުގެ ބަދަލު ހޯދަން ކޯޓަށް ދިޔަ އެމެރިކާ މީހަކު، އޭނާގެ ކޮޅަށް މައްސަލަ ކާމިޔާބު ކޮށް، 450000 ޑޮލަރު ހޯދައިފިއެވެ.
ގްރެވިޓީ ޑައެގްނޯސްޓިކްސް ނަމަކަށް ކިއާ ކުންފުންނެއްގައި މަސައްކަތް ކުރި ކެވިން ބާލިންގް، ކޯޓަށް މައްސަލަ ހުށަހެޅީ، 2019 ވަނަ އަހަރު، އޭނާގެ އުފަން ދުވަހު، އޭނާ ބޭނުން ނުވެ ހުއްޓާ، ދިން ސަޕްރައިޒް ޕާޓީގެ ސަބަބުން ނުތަނަވަސް ކަމާ ހާސްކަން ކުރިމަތިވެ، އެންޒައިޓީއާއި ޕެނިކް އެޓޭކްތަކެއް ކުރިމަތިވި ކަމަށް ބުނެއެވެ.
އުމުރުން 29 އަހަރުގެ ޒުވާނާ ބުނީ، 2018 ވަނަ އަހަރު ކުންފުންޏާ ގުޅުމަށްފަހުވެސް އޭނާއަށް ޕާޓީ ނުބާއްވާން މެނޭޖަރު ގާތު ބުނެފައި ވާނެ ކަމަށާ، ނަމަވެސް ކުންފުނިން ވަކި ފަރާތަކަށް ބުރަވީ ކަމަށެވެ.
ޕާޓީ ނުބާއްވާން ބާލިންގް އެދިފައި އޮތް ނަމަވެސް، ކޮވިޑް-19 އަށް ޓެސްޓުތައް ހަދާ އެ ކުންފުނިން، އޯގަސްޓްގައި ޕާޓީ ބޭއްވުމުން ބާލިންގްއަށް ޕެނިކް އެޓޭކެއް ޖެހުނެވެ. އެހާ ހިސާބުން، ވީ އެންމެ އަވަހަކަށް އެ ޕާޓީ ދޫކޮށް ބާލިންގް ދިޔައީ، އޭނާ ދަސްކޮށްފައިވާ ނޭވާލުމުގެ އުކުޅުތަކުގެ ބޭނުން ހިފަމުންނެވެ. އަދި އެދުވަހުގެ މެންދުރުގެ ކޭމަށްވެސް ބާލިންގް އިންސާފު ކުރީ، އޭނާގެ ކާރުގައި އިނދެގެން ކަމަށް ވެއެވެ.
ޖެހިގެން އައި ދުވަސްވީ އަދި މާ ހިތްދަތި ދުވަހަކަށެވެ. އޮފީސް މުވައްޒަފުންގެ އުފަލުން "ވައްކަން" ކުރިކަމުގެ އިލްޒާމު، ބައްދަލުވުމެއްގައި ބާލިންގްއަށް އަމާޒު ކުރިއެވެ. އަދި އޭނާ އުޅުނީ "ކުޑަ އަންހެނެއް ކުއްޖެއް" ފަދައިން ކަމަށް ބުނެ ފުރައްސާރަ ކުރި ކަމަށް، ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.
އެ ބައްދަލުވުމަށްފަހު ދެވަނަ ފަހަރަށް ޕެނިކް އެޓޭކެއް ޖެހުނެވެ. އެދުވަހު އޮފީހުން ވަނީ، ލެބް ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބާލިންގް، ގެއަށް ފޮނުވާލާފައެވެ. ބާލިންގް ވަނީ އޭނާއަށް ކުރިމަތިވި ސިއްހީ ހާލަތަށްޓަކާ މައާފަށްވެސް އެދިފައެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ބާލިންގްއަށް ލިބުނީ އޮފީހުގެ ސިޓީއެކެވެ. ކުރީ ހަފުތާގައި ކަން ހިނގި ގޮތުގެ ސަބަބުން، އޭނާ ވަޒީފާއިން ވަކިކޮށްފައި ވާ ކަމަށް ބުނި ސިޓީއެކެވެ.
ކޯޓަށް މައްސަލަ ވެއްދީ އެހާ ހިސާބުންނެވެ. 450000 ޑޮލަރުގެ ބަދަލެއް އޭނާއަށް ދީފައި ވަނީ ނަފްސާނީ ގޮތުން އޭނާއަށް ކުރިމަތިވި ތަކުލީފަށް 300000 ޑޮލަރު އަދި ގެއްލުނު މުސާރައަށް 150000 ޑޮލަރުގެ މަގުންނެވެ.
ކަން މިހެން އޮތް ނަމަވެސް، ބާލިންގް މަސައްކަތް ކުރަމުން ދިޔަ ކުންފުނިން ވަނީ ގޯހެއް ހަދާފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރީ، ކުންފުނީގެ ވަޔަލަންސް ޕޮލިސީއާ ހިލާފުވެގެން ކަމަށްވެސް ގްރެވިޓީ ޑައެގްނޯސްޓިކްސްއިން ވަނީ ބުނެފައެވެ. އަދި މި ހާދިސާގައި ހަގީގަތުގައި ޝިކާރައަކަށްވީ ބަޔަކީ ކުންފުނީގެ އެހެން މުވައްޒަފުން ކަމަށާ، މައްސަލަ އިސްތިއުނާފު ކުރުމަށް ވިސްނާ ކަމަށް ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސާ ޖޫލީ ބްރެޒީލް ވަނީ ވިދާޅުވެފައެވެ.