ލައިސަންސް ނެތި ރާއްޖެއަށް ބިދޭސީން އެތެރެކުރާނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާއެއް އަންނަ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ޢާއްމުކޮށްފައިވާ މިގަވާއިދުގެ ދަށުން އޭޖެންސީތައް 3 ކެޓަގަރީއެއްގައި ރަޖިސްޓްރީ ކުރެވޭނެއެވެ. އެއީ ކެޓަގަރީ އޭ ގައި ހިމެނޭ ރެކްރޫޓްކުރުމުގެ ހިދުމަތާއި ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތެވެ. މިހިދުމަތުގެ ލައިސަންސް ދޫކުރަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ކެޓަގަރީ ބީގައި ހިމެނެނީ ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އޭޖެންސީތައް އެކަންޏެވެ. މިހިދުމަތަށް ލައިސަންސްގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އަދި ކެޓަގަރީ ސީ ގައި ހިމެނެނީ މޭންޕަވަ ސަޕްލައި ކުރުމުގެ ޚިދުމަތް ދޭ އޭޖެންސީތައް ނުވަތަ ވިޔަފާރި އުސޫލުން ވަޒީފާއަށް މީހުން ފޯރުކޮށްދޭ އޭޖެންސީތަކެވެ. މިހިދުމަތަށް ލައިސަންސް ދިނުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ.
އެޖެންސީތަކަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެ ހާލަތްތައް ބަލާއިރު ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް އެދި ހުށަހެޅުން ހިމެނެއެވެ.
މީގެ އިތުރުން ލައިސަންސް ބާޠިލުކޮށްދިނުމަށް ޝަރުއީ ކޯޓަކުން އެންގުމާއި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވުން އަދި ހުއްދަދީފައިވާ މުއްދަތު ހަމަވުން ހިމެނެއެވެ.
ގަވައިދުގައި ވާގޮތުން ލައިސަންސް ނެތި ކެޓަގަރީ އޭ ގައި ހިމެނޭ މީހުން ރެކްރޫޓް ކުރުމުގެ ހިދުމަތްދީފިނަމަ އެއޭޖެންސީއެއް ނުވަތަ އަމިއްލަ ފަރުދަކުވިޔަސް 40،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، ގަވާއިދާ ހިލާފަށް ރެކްރޫޓްކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހައްޓާނެއެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދީފި ނަމަ ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހައްޓާނެއެވެ.
ހަމައެހެންމެ ގަވާއިދާ ހިލާފަށް މޭންޕަވާ ސަޕްލައިގެ ހިދުމަތް ދީފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، ގަވާއިދާ ހިލާފަށް ހިދުމަތް ދޭން ބޭނުންކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އެއް އަހަރަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހައްޓާނެއެވެ.