ދުނިޔޭގެ އެންމެ ވަރުގަދަ ވީޑިއޯ ސްޓްރީމިންގް ޕްލެޓްފޯމްގެ ގޮތުގައި ސިފަކުރަމުން އައި ނެޓްފްލިކްސް އަށް އިޝްތިރާކު ދައްކަމުން އައި 2 މިލިއަނެއްހާ މީހުން އެ ހިދުމަތް ބޭނުން ކުރުން ހުއްޓާލައިފިއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 2 މިލިއަން މީހުން ނެޓްފްލިކްސް އަށް އިޝްތިރާކު ދެއްކުން ހުއްޓާލާފައި ވާ އިރު، މިހާރު ހިނގަމުންދާ 2 ވަނަ ކުއާޓަރުގައިވެސް އިތުރު 2 މިލިއަން މީހުން ނެޓްފްލިކްސްގެ ހިދުމަތް ބޭނުން ކުރުން ހުއްޓާލާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ޖެނުއަރީ 2022 ގައި ނެޓްފްލިކްސްއިން ރިޕޯޓް ކުރި ގޮތުގައި، 2021 ވަނަ އަހަރު ނިމުނުއިރު އެ ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދަކީ 221.84 މިލިއަނެވެ. މާޗް 31، 2022 ގައި ނިންމާލި ފުރަތަމަ ކުއާޓަރުގައި އިޝްތިރާކު ދައްކައިގެން ހިދުމަތް ބޭނުން ކުރި މީހުންގެ އަދަދު 221.64 މިލިއަނަށް ވެއްޓިފައި ވާ ކަމަށް ނެޓްފްލިކްސް އިން ވަނީ ހާމަ ކޮށްފައެވެ.

މިއީ ފާއިތުވީ 10 އަހަރު ދުވަހަށް ބަލާއިރު ކުއާޓަރެއްގެ ތެރޭގައި ނެޓްފްލިކްސް އަށް ކަސްޓަމަރުން ގެއްލުނު ފުރަތަމަ ފަހަރެވެ. އަދި މި އަދަދަކީ، ނެޓްފްލިކްސްގެ ހިދުމަތް މެދުކަނޑާލާފައި ވާ ރަޝިއާގެ ކަސްޓަމަރުން ނުހިމަނާ އޮތް އަދަދެއް ކަންވެސް ނެޓްފްލިކްސް އިން ފާހަގަ ކުރެއެވެ. ރަޝިއާގެ އަދަދުތައް ހިމަނާނަމަ 500000 އެއްހާ ކަސްޓަމަރުން އިތުރު ވާނެއެވެ.

ނެޓްފްލިކްސް އިން ވަކާލާތު ކުރާ ގޮތުގައި އިޝްތިރާކު ދައްކައިގެން ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދު ދަށް ވަނީ ވާދަވެރިކަން އިތުރުމާއި، އެކަކު އަނެކަކާ ޕާސްވޯޑް ހިއްސާކުރުން އިތުރު ވުމުގެ ސަބަބުންނެވެ.