ރާއްޖެއަކީ ގިނަ އަދަދަކަށް ފެހުމުގެ މަސައްކަތް ކުރާ މީހުންނާއި ޑިޒައިނަރުން އުޅޭ ގައުމަކަށް ވާއިރު ދިވެހިންނަކީ ފެށުނީންސުރެ ރެޑީމޭޑް އަންނައުނަށް ވުރެ ބޮޑަށް އަމިއްލަ އުފެއްދުންތަކައް ލޯބިކުރާ ބައެކެވެ. ކައިވެނި ޕާޓީތަކުން ފެށިގެން ކުދި ކުދި ހަފްލާތަކަށް ބެލި ނަމަވެސް އެކަން މިސާލަކަށް ފުދޭނެއެވެ. މިހެން ކަން ހުރިއިރު ތަފާތު އަމިއްލަ ޑިޒައިންތަކަށް ފަރުމާކޮށްފައި ހުންނަ ބެޑްޝީޓާއި ދޮރުފޮއްޗަކީ ގިނަ ބަޔަކު ހިތް ދަމައިގަންނަ އެއްޗަކަށް ވަނީ ވެފައެވެ.
މިފަދަ މަސައްކަތްތަކުގެ ފަހަތުގައި ގިނަ ދުވަސްވީ ތަޖުރިބާކާރު ހުނަރުވެރިން ތިބިއިރު، މިހާރު ސްރީލަންކާގައި ދިރިއުޅެމުން އަންނަ އުމުރުން 54 އަހަރުގެ މަރިޔަމް ރިޒާ އަހުމަަދު (މަރީ) އަކީ އެފަދަ އަންހެނެކެވެ. އަބަދުވަސް ފެހުމަށް ހުންނަ ޝައުގުވެރިކަމާއެކު މަރީ އަމިއްލައަށް ފަހަން ދަސްކޮށް، އެކަން ކުރަން ފެށީ އޭނާގެ އުމުރުން 20 އަހަރުގައެވެ. އެއިރުން ފެށިގެން ދަރިންގެ ހެދުމާއި ގާތް ރަހުމަތްތެރިންނަށް ހެދުމާއި ޔުނިފޯމް ފަހައިދީ އުޅުނު ނަމަވެސް އާމްދަނީ އެއް ލިބޭހެން، އަގަށް ހެދުން ފެހުމަކީ މަރީ އެއްވެސް ވަރަކަށް ހިޔާލުކޮށްގެން ހުރި ކަމެއް ނޫނެވެ. މަރީ މީގެ ކުރިން މާ ޖަހާ ކޯހެއް ފުރިހަމަކުރި ނަމަވެސް ފަހަން އޭނާ ދަސްކުރީ އަމިއްލައަށެވެ.
ދަރިފުޅުގެ އުފަން ދުވަހަށް ފެހި ބެޑްޝީޓް
މި މަސައްކަތުން އާމްދަނީ ހޯދުމުގެ ހިޔާލެއް ކުރިން ނެތަސް މަރީގެ އެ ހިޔާލު ބަދަލުވީ 2020 ވަނަ އަހަރު ދޮށީ ދަރި އަދި މޭކަޕް އާޓިސްޓް ރީޝާ ނަސީމް (ރީޝް)ގެ 36 ވަނަ އުފަންދުވަހުގެ ހަދިޔާއަކަށް ފަހައިދިން ބެޑް ސެޓަށް ލިބުނު ތަރުހީބުންނެވެ. މުށި ކުލައިގެ މަޑު ކަފަ ވައްތަރުގެ ފޮއްޗަކުން މަރީ ފެހި އެ ބެޑް ސެޓް، ރީޝްއަށް ސަޕްރައިޒް ދިނުމަށް ގެއަށް އައުމުގެ ކުރިން މަރީ ވަނީ ރީޝްގެ އެނދުގައި އެ އަޅައިދީފައެވެ. މަރީ އޭނާގެ ދަރިފުޅަށް އެ ސަޕްރައިޒް ދިނީ އާމްދަނީ ހޯދުމަށް ކުރާ ކަމަކަށް އެކަންވެގެންދާނެ ކަމުގެ އެއްވެސް އުންމީދެއް އޮވެގެންނެއް ނޫނެވެ. އެހެންނަމަވެސް އެ ސަޕްރައިޒްއާއެކު މަރީއަށް ލިބުނު ސަޕްރައިޒް މާބޮޑެވެ. ގިނަ ބަޔަކަށް އެ ބެޑް ސެޓް ރީތިވެ އެ މަސައްކަތް ކުރަން މަރީ ގާތު އެތައް ބަޔަކު އެދެމުން ދިޔައެވެ.
މަރީގެ ހަތަރު ދަރިން ތިބޭއިރު މީގެ 18 އަހަރު ކުރިން މަރީގެ އާއިލާ ލަންކާއަށް ބަދަލުވީ އޭނާގެ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިމަށްޓަކައެވެ. އަދި މިވަގުތު ހުރިހާ ކުދިންވެސް ކިޔަވާ ނިމި އަމިއްލަ ފައި މައްޗަށް ތެދުވެފައި ވާއިރު, ބަލި ހާލަތު ހުރިގޮތުންނާއެކު ސިއްހީ ފަރުވާ ހޯދުމަށް ފަސޭހަވުމުން މަރީގެ ދެމަފިރިންނާއި ދޮށީ ދަރި، ރީޝް ދިރިއުޅެމުން އަންނަނީ ލަންކާގައެވެ.
"މަރީސް ބެޑް ކަވާ"ގެ ނަމުގައި އިންސްޓާގްރާމުގައި މީގެ 2 އަހަރެއްހާ ދުވަސް ކުރިން، އޯޑަރު ނަގައިގެން ފެށި އެ މަސައްކަތް މަރީ ބުނާ ގޮތުގައި އެހާ ފުރިހަމަކޮށް ކުރިއަށް ގެންދިއުމުގައި ބޮޑު ދައުރެއް އަދާކުރަނީ ރީޝްއެވެ. އެގޮތުން ބެޑުއަޅާ، ފޮޓޯ ނަގުމާއި މާކެޓް ކުރުމާއި އޯޑަރުތައް ނެގުމުގެ މަސައްކަތް ކުރަނީ ރީޝް ކަމަށް މަރީ ފާހަގަކުރެއެވެ.
މަރީ ވަނީ ހުރިހާ ކުދިންނާއި ފިރިމީހާގެ ފަރާތުން އެ މަސައްކަތަށް ވަރަށް ބޮޑޫ އެހީތެރިކަމެއް ލިބޭ ކަން ފާހަގަކޮށް، އެ ކުދިން ވެސް ސޯޝަލް މީޑިއާގައި އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައެވެ. މީގެ އިތުުރުން އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް މަރީ ވަނީ އެ އެންމެންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މަރީގެ ބެޑް ސެޓްތައް ލަންކާއިން ރާއްޖެއަށް
ހެދުމާއި ޔުނީފޯމު ފަހަން ދަންނަ މަރީ ބެޑް ސެޓް ނޫން އެހެން އެއްޗެއް، އާމްދަނީ ހޯދަން ފަހާކަށް ނުވިސްނައެވެ. ބެޑް ސެޓް ފެހުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލަންކާއިން ލިބެން ހުންނައިރު މަރީ ފަހާ ބެޑް ސެޓްތައް ލަންކާގެ އިތުރުން މާލެއަށް ފޮނުވާ، ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދެއެވެ. އެ ހިދުމަތުގެ ވާހަކަ ކިޔައިދެމުން ރީޝް ބުނީ އެ މަސައްކަތް ކުރިއަށް ދަނީ ލަންކާއަށާއި މާލެއަށް އެ ހިދުމަތްދޭ ލަންކާގެ ކުންފުންޏަކާ ގުޅިގެން ކަމަށެވެ.
އެ ވިޔަފާރިއަށް މާގިނަ ދުވަސްވަފައި ނުވިޔަސް މަރީގެ 34 އަހަރުގެ ތަޖުރިބާ ހުރުމާއެކު ބެޑް ސެޓެއް ފަހާލަން އެހާ ގިނަ ވަގުތެއް ހޭދަ ކުރާކަށް ނުޖެހެއެވެ. ދުވާލު ހޭދަކުރާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ބެޑް ސެޓެއް މަރީ ނިންމާ އިރު ގިނަ ބަޔަކަށް އެންމެ ކަމުދަނީ ސްނޯ ވައިޓް ސެޓުތައް ކަމަށް ރީޝް ބުނެއެވެ. އަދި އަބަދުވެސް ސްނޯ ވައިޓް ބެޑް ސެޓް ބޭނުންވެގެން ގިނަ ބަޔަކު އުޅޭ ކަމަށާއި މަރީގެ ބްރައިޑަލް ކަލެކްޝަންއަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ރީޝް ފާހަގަކުރެއެވެ.
މި މަސައްކަތުގައި އަދިވެސް ކުރިއަށް ދިއުމުގެ ހުވަފެންތަކެއް ދެކެމުން އަންނަ މަރީ ބުނީ އޭނާގެ ބެޑް ސެޓްތައް އެހެން ގައުމުތަކަށް ތައާރަފް ކުރުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. ނަމަވެސް އެކަން އަދި ނުފެށިގެން އުޅެނީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހުރި ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށް ރީޝް ބުނެއެވެ.
މަރީ ބުނީ މި މަސައްކަތް ރާއްޖޭގައި ކުރަން ބޭނުންވި ނަމަވެސް ސާމާނު ހޯދަން ދަތިތަކެއް ހުރުމާއެކު ބޭރުން އެކަމަށް ބޭނުންވާ ސާމާނު ގެނެސް ކުރުމަކީ އަގު ދެގުނަ ވެގެން ދާނެ ކަމެކެވެ.
މީގެ 8 އަހަރު ކުރިން މަރީ ޗުއްޓީއަކަށް މާލެ އައިސް ހުއްޓާ އެރި ތަދަކާއެކު ލަންކާއިން ކުރި މައިބަދައިގެ އޮޕަރޭޝަނަށް ފަހު މާގިނަ ވަގުތު މަސައްްކަތުގައި ހޭދަ ނުކުރަމަށް ޑޮކްޓަރު ވަނީ އޭނާއަށް އަންގާފައެވެ. އެހެންނަމަވެސް ފެހުމުގެ މަސައްކަތަކީ މަރީ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތަކަށް ވުމުން މީހަކު ހަނދާން ނުކޮށްދޭނަމަ ކިތަންމެ ގިނަ ވަގުތަކުވެސް އޭނާ މަސައްކަތުގައި އިނދެދާނެ ކަމަށް ރީޝް ބުނެއެވެ.
ފެހުމުގެ މަސައްކަތަކީ އެހޭ ފަސޭހަ މަސައްކަތެއްވެސް ނޫނެވެ. އަދި އެއީ ކޮންމެ މީހަކަށް ދަސްވާ ހުނަރެއްވެސް ނޫނެވެ. މަސައްކަތް ކުރުމަކީ ވަކި އުމުރަކަށް ހާއްސަކޮށްފައިވާ ކަމެއް ނޫންކަން ސާބިތުކޮށްދިން މަރީ ދޭން ބޭނުންވާ މެސެޖަކީ ހިތްވަރާ އެކީ ކޮންމެ މަސައްކަތެއް ކުރި ނަމަވެސް ކުރިއަށްދާނެ ކަމެވެ.