ސްޓެލްކޯގެ ހަތަރު މުވައްޒަފަކަށް ހައްޖާއި އުމްރާއަށް ދިނުމުގެ ފުރުސަތު ހަމަޖައްސައިދީފިއެވެ.
ސްޓެލްކޯއިން ބުނީ އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ވިލިނގިލީ އިންޖީނުގޭގެ އަބުދުﷲ ޝަފީގާއި، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ހުސައިން ކަމަށެވެ. އަދި ހައްޖުގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ، ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރު އަދި ކަސްޓަމާސަވިސަސް އެންޑް ބިލިން ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދު ކަމަށް އެކުންފުނިން ބުނެއެވެ.
އެކުންފުނިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތަށް ޝަރުތު ހަމަވަނީ ކުންފުނީގެ 15 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށައި އަދި އުމްރާގެ އަޅުކަމުގެ ފުރުސަތައް ކުރިމަތިލެވެނީ 5 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށް އެކުންފުނިން ބުނެއެވެ.
ހައްޖާއި އުމްރާގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ.
ސްޓެލްކޯއިން ބުނީ، މި ތަރާވީހުގައި މެނޭޖިން ޑިރެކްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަގައި ވަނީ ރޯދަ މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން ފެށީ ކަމަށާއި، ކުންފުނިން ދެމުންގެންދިޔަ ހައްޖު އަދި އުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދޭން ފެށުނުކަން ފާހަގަ ކުރައްވާފައެވެ.
އަދި ރޯދަ މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށްވުމުން، އެ މަހުގެ ބަރަކާތްތެރިކަން ހާސިލް ކުރެވޭތޯ ހުރިހާ މުވައްޒަފުންވެސް ގަދައަޅާ މަސައްކަތް ކުރުމަށާއި، ވީހާވެސް ގިނައިން ގުރުއާން ކިޔެވުމަށާއި، ޒިކުރުކުރުމަށާއި، އަޅުކަން ކުރުމުގައި ދެމި ތިބުމަށް އިލްތިމާސްކޮށް، ނަސޭހަތްތެރިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ކުންފުނިން ފޯރުކޮށްދެމުންގެންދާ އިނާޔަތްތަކާއި، ކޮށްދެއްވަމުންގެންދަވާ ކަންކަމުގެ ބަދަލުގައި ހަމައެކަނި ބޭނުންވަނީ ހެޔޮހިތުން، ހިނިތުންވުމާއެކު، ރައްޔިތުން އެދޭފަދަ ރަނގަޅު ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު، އެ ރައްޔިތުންނަށް ދެމުން ގެންދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި ރައްޔިތުން ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވުން އެއީ މަގްސަދު ހާސިލްވުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.