އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން އެކްސްޗޭންޖުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ބައެއް އާލާތްތައް ހަދިޔާކޮށްފިއެވެ.

ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި މިކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރި އާލާތްތަކަކީ، ހައިޑްރޮގްރަފީ ސަވޭކުރުމަށް ބޭނުންވާނެ ބައެއް އާލާތްތައް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޯގްރަފިކް ސާވޭއިން ތައްޔާރުކުރި ނެވިގޭޝަނަލް ޗާޓް މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އަދި ފަހުމުނާމާގައި ޗާޓް ވިއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް ޖޮއިންޓް ސަރވޭއިން ތައްޔާރުކޮށްފައިވާ ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ދިވެހިރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް ވެސް މި ރަސްމިއްޔާތުގައި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރި އާލާތްތައް ހަވާލުކުރުމަށް ބެއްވި ރަސްމިއްޔާޓުގެ ތެރެއިން / ފޮޓޯ: ޑިފެންސް މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ.

މިނިސްޓްރީން ބުނީ ހައިޑްރޮފީ ދާއިރާއިން ސާވޭ ކުރި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ކަމަށެވެ. އަދި، ދެ ގައުމު ރަމްޒުކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓްކުރި ޖޮއިންޓްލީ ސާވޭޑް ޗާޓްއާ މޯލްޑިވްސް ހައިޑްރޮގްރެފިކް ސަރވިސްގެ ފަރާތުން ރަސްމީކޮށް ހަވާލުވެލެއްވީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ހައިޑްރޮގްރަފީ އޮފީހަށް ހަދިޔާ ކުރި އިކްއިޕްމަންޓްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ހިލްމީ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ، އިންޑިއާ ސަރުކާރުން ދިން އެހީއަށް ޓަކައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމަކީ، ސަގާފަތާއި، ތާރީހާއި، އެއްގައުމު އަނެއް ގައުމަށްކުރާ އިހްތިރާމާއި، އެހީތެރިކަމުގެ ވަރަށް މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ހައިޑްރޯގްރެފިކް ޕާޓްނާޝިޕަކީ، ދެ ގައުމުގެ ވިޔަފާރީގެ ތަރައްޤީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ޕާޓްނާޝިޕެއްކަން ފާހަގަކުރައްވާ، ޝަމާލް ވިދާޅުވީ، 2007 ވަނަ އަހަރު މަސައްކަތް ފަށައިގަނެ، މިއަދާ ހަމައަށް އައިއިރު، ވަރަށް ގިނަ ސާވޭތަކެއް ކޮށް، އޭގެ އެދެވޭ ނަތީޖާތައް ނެރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އިންޑިޔާ ކަނޑުގެ އަސްކަރިއްޔާއަކީ، ދިވެހި އަސްކަރިއްޔާގެ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ އިތުބާރުކުރެވޭ އަދި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ބައިވެރިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ހައިޑްރޮގްރަފީގެ ސާވޭތައް ފެށިފައިވީ ނަމަވެސް މިހާރު ވަކި ނިޒާމެއްގެ ތެރެއިން ސިސްޓަމެޓިކްކޮށް ދިވެހިރާއްޖޭގައި ހައިޑްރޮގްރަފިކް ހިދުމަތް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ރާއްޖެއަކީ، 99.7 ޕަސަންޓް ކަނޑު ހިމެނޭ ގައުމަކަށްވެފައި ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރުމަށާއި، ހާދިސާއެއް ދިމާވާ ހާލަތުގައި އަވަސްކަމާއެކު ހަރަކާތްތެރިވުމަށް މި ޗާޓުތަކުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިގޮތުން ހައިޑްރޮގްރަފީގެ ހިދުމަތް ދިވެހިރާއްޖޭގައި ގާއިމްކުރުމަށްޓަކައި ދެ ގައުމުގެ މެދުގައި ސޮއިކުރި ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި ހައިޑްރޮގްރެފިކް ހިދުމަތް ގާއިމް ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.