ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތުކޮށް ރާއްޖެއިން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރި މައްސަލައިގައި، ހޫދުގެ މައްޗަށް 5 ދައުވާއެއް ކުރުމަށް އިއްޔެ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

  • ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 08 ވަނަ މާއްދާއާއި، އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ.

ސަބަބު: މީނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އައިއެސްއައިއެސް ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާޢަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީފައިވާ ކަމަށް ޕީޖީން ބުނެއެވެ.

މިކުށް ސާބިތު ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނާނެއެވެ.

  • ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާއާއި، އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުން.

ސަބަބު: އިސްލާމިކް ސްޓޭޓް ޖަމާއަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާއަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާ ކަމަށް ޕީޖީން ބުނެއެވެ.

މި ކުށް ސާބިތު ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނާނެއެވެ.

  • ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން.

ސަބަބު: މީނާ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސްއައިއެސް) ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.

މިކުށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނާނެއެވެ.

  • ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން.

ސަބަބު: މީނާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށްފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.

މި ކުށުގެ އަދަބަކީ 03 އަހަރާއި 05 އަހަރާ ދެމެދު ޖަލު ހުކުމެކެވެ.

  • ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން.

ސަބަބު: މީނާ މީނާ އިސްލާމިކް ސްޓޭޓް ޖަމާއަތާއި، އެ ޖަމާޢަތުގެ އެކި ވިލާޔަތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ގެންގުޅެފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ 01 އަހަރާއި 03 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

ޕީޖީ އޮފީހުން ބުނީ ހޫދު މުހައްމަދު ޒާހިރުއާ ގުޅޭ މައުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގު އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ޕީޖީން ބުނެއެވެ.