ކ. މާފުށީ ޖަލަށް 50 ގޮޅީގެ ޔުނިޓެއް އިތުރުކުރަން ނިންމައި، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، މާފުށީ ޖަލަށް ޔުނިޓެއް އިތުރުކުރަން ނިންމައި، އެ ޔުނިޓުގެ ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ވަނީ ނިންމާފައެވެ.

އެ އިއުލާނުގައިވާ ގޮތުން، ބީލަން ހުށަހަޅާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން މިނިސްޓްރީއަށް އެ ފަރާތްތަކުގެ މައުލޫމާތު ފޮނުވައި ރަޖިސްޓްރީކުރަން ޖެހެއެވެ. އަދި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މިމަހުގެ 24 ގެ މެންދުރު 12 ގެ ކުރިން ހޯމް މިނިސްޓްރީގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.

ޖަލުތަކުގެ ޖާގަ މިހާރުވެސް ފުރިފައިވާ ކަމަށާއި، ޖާގައިގެ އިތުރަށް ގައިދީން މިހާރުވެސް ބަންދުކޮށްފައި އެބަތިބި ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވެއެވެ. އަދި ކަރެކްޝަންސް އިންވެސް ވަނީ މިހެން ބުނެފައެވެ.

މާފުށި ޖަލުގެ އިތުރުން ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީންނާއި ތަހުގީގީ މަރުހަލާގައި ތިބޭ މީހުން ބޭތިއްބުމަށް ބޭނުންކުރާ ބައެއް ތަންތަނަކީ:

  • މާލެ ޖަލު
  • ހުޅުމާލެ ޖަލު
  • ހިންމަފުށި ޖަލު
  • ދޫނިދޫ
  • ހުޅުމާލެ ޑިޓެންޝަން ސެންޓަރު