ސްކައިސްކްރޭޕާ ނުވަތަ އާދަޔާ ހިލާފަށް އުސް އިމާރާތްތަކުގެ ތެރެއިން، މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ "ހަނި" އިމާރާތުގެ މަސައްކަތް މެންހެޓަންގައި ނިންމާލައިފިއެވެ.

"ސްޓެއިންވޭ ޓަވާ" ނުވަތަ 11 ވެސްޓް ފިފްޓީސެވަންތު ސްޓްރީޓްގެ އުސްމިނާއި ފުޅާ މިނުގެ ރޭޓަކީ 24:1 އެވެ. މިއާއެކު، ސްކައިސްކްރޭޕާތަކުގެ ތެރެއިން އެންމެ "ލޫޅާފަތި" އިމާރާތުގެ ލަގަބު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

އުސްމިނުގައި 1428 ފޫޓު ހުންނަ "ސްޓެއިންވޭ ޓަވާ" ފަރުމާ ކޮށްފައި ވަނީ، 60 އެޕާޓްމަންޓާ އެކުގައެވެ. 84 ފަންގިފިލާގެ މައްޗަށް އެކުލެވޭ މި އިމާރަތަކީ ނިއުޔޯކްގެ އާކިޓެކްޗާ ކުންފުންޏެއް ކަމަށް ވާ ޝޮޕް އާކިޓެކްސްޓްގެ ފަރުމާއެކެވެ. "ސްޓެއިންވޭ ޓަވާ" ބިނާ ކުރުމުގެ މަސައްކަތް ފެށީ 2013 ވަނަ އަހަރުއެވެ.

އިމާރާތުގެ ފަރުމާއަށް ފާޑުކިއާ ބައެއް ފަރާތްތަކުން މި އިމާރާތަށް ތައުރީފު ކޮށްފައި ވާ އިރު، "ސްޓެއިންވޭ ޓަވާ" އަކީ އޭގެ ފަރުމާއަށް ބަލާއިރު އަންހެންވަންތަ، "ބަނިޔާދަން" ގޮތެއް ހުންނަ އިމާރާތެއް ކަމަށާ، އަދި އެންމެ މަތީބައި ފަރުމާ ކޮށްފައި ވާ ގޮތުން ތާޖެއް ސިފަވާ ކަމަށްވެސް ބުނެފައި ވެއެވެ.