ފަސް ރަށެއްގައި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފިއެވެ.

މިގޮތުން ތ. ވޭމަންޑޫ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމާ ބަހައްޓާ 2 ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ގއ. ވިލިނގިލި ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމާ ބަހައްޓާ ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން ފުވައްމުލަކު ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފޮނުވުނު 1.2 މެގަވޮޓް ޖެެންސެޓް އިންސްޓޯލް ކުރުމަށް ޖެންސެޓް ބަހައްޓާ ހަޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ މިރަށްތަކުގެ އިތުރުން ހއ. މުރައިދޫ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފޮނުވުނު 250 ކިލޯވޮޓް ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހަމައެހެންމެ ހދ. ކުޅުދުއްފުށި ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމާ ހަޓް އިމާރާތްކޮށް ހިޔާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފެނައިން ވަނީ ބުނެފައެވެ.

މި ފަސް ރަށުގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާއިރު ފެނަކައިން ދަނީ އެކުންފުނީގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ރަށްރަށުގައިވެސް ކަރަންޓު ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެކުންފުނިން ވަނީ، ފެނާއި ނަރުދަމާ ނިޒާމު އަޅަން ހަވާލުނުކޮށް ހުރި ބައެއް ރަށްރަށުގައި އެ މަސައްކަތްތައް ކުރުމަށް ހަވާލު ވެސް ވެފައެވެ.