އިގުތިސޯދީ އަދި ސިޔާސީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓި، ސިޔާސީ މަސްރަހުގައި ނުތަނަވަސްކަން އުފެދިފައި ވާ އަވަށްޓެރި ސްރީލަންކާގެ އާ ވަޒީރުންގެ މަޖިލީސް އެކުލަވާލައްވައިފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެނދުނު ފެށި ދަންފަޅީގައި، ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރެއްވި ވަޒީރުންގެ އާ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 17 މެންބަރުންނެވެ.

ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން އިސްތިއުފާ ދެއްވި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ގާމިނީ ލޮކުގޭ، ޖޯންސްޓަން ފެނާންޑޯ އަދި ކެހޭލިޔާ ރަމްބުކްވެއްލާ، މި ފަހަރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައެއް ނުގަންނަވައެވެ. އަދި ސިޔާސީ މަސްރަހަށް އިންތިހާއަށް ނުފޫޒު ފޯރުއްވަމުން ގެންދަވާ ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝަމާލް، ބާސިލް، ނަމާލް އަދި ޝަޝީންދްރާ ރާޖަޕަކްސަވެސް ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާފައެއް ނުވެއެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ޕަވާ އެންޑް އެނާޖީ މިނިސްޓްރީގެ ވަޒީރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ކަންޗަނާ ވިޖޭސެކަރައެވެ.

ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ބޮޑުވަޒީރު ފިޔަވާ އެހެން ހުރިހާ މެންބަރުން އިސްތިއުފާ ދެއްވީ އޭޕްރިލް 3 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމުތަކުގެ ތެރެއިން 4 ވުޒާރާއަކަށް އޭޕްރިލް 4 ވަނަ ދުވަހު ވަނީ ބައެއް ވަޒީރުން އައްޔަން ކުރައްވާފައެވެ. ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތު ދަމަހައްޓަވާ، ހަމަޖެހުން ގާއިމު ކުރެއްވުމަށްޓަކާ، ރައީސް ގޮތަބާޔާ ރާޖަޕަކްސަ، 4 ވުޒާރާއަކަށް ވަޒީރުން އައްޔަން ކުރައްވާފައި ވަނީ، ފުރިހަމަ ކެބިނެޓެއް އެކުލަވާލެއްވެން ދެކަށް ކަމަށް އޭރު ވަނީ ބުނެފައެވެ.

ނޭވާ ހޮޅިއަށް އެޅިފައިވާ ލަންކާ ސަރުކާރު ދެމެހެއްޓެވުމަށްޓަކާ، އެ ގައުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލެއްވުމާށް އިދިކޮޅު ސިޔާސީ ފަރާތްތަކަށްވެސް ގޮތަބާޔާ ފުރުސަތު ހުޅުވާލެއްވިއެވެ. ނަމަވެސް އިދިކޮޅުން ވަނީ ގުޅިފައި ވާ ސަރުކާރަކަށް އިންކާރު ކޮށްފައެވެ.