ދައުވާގެ ސަބަބުން ވަޒީފާގެ އެތައް ފުރުސަތެއް ގެއްލިގެން ގޮސްފައިވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އާޒިމާގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހެވެ. އެއީ، އެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި ފަހުން އެ މައްސަލައާ ހަވާލުވެވަޑައިގަތް ގާޒީ އެ މައްސަލައިން ތަނާޒުލްވުމުންނެވެ. އެހެންވެ، މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. އެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އެ މައްސަލާގައި މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި އާޒިމާ ވިދާޅުވީ ދައުލަތުން ކޮށްފައިވާ ދައުވާގެ މައްސަލަ ތިން އަހަރަށް ދިގުލައިގެން ދިއުމުގެ ސަބަބުން ވަޒީފާގެ އެތައް ފުރުސަތުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށާއި އޭނާ ކުރީ ކޮން ކުށެއްކަން ސާފުކޮށްލަން ފުރުސަތު ލިބުނީ ވެސް ތިން އަހަރާއި ބައިވުމުން ކަމަށެވެ.
އާޒިމާ ވިދާޅުވީ ދައުވާގެ ސަބަބުން އޭނާ ކުރައްވަމުން ގެންދެވި ގާނޫނީ މަސައްކަތްތައް ވެސް ހުއްޓުމަކަށް އައި ކަމަށާއި އަދި ބޭރުގެ ވަޒީފާއަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
ޔާމީންގެ މައްޗަށް އެކުށް ސާބިތުނުވާކަމަށް ސްޕްރިމް ކޯޓުން ނިންމުމުން ދެން ކިހިނެއްތޯ މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ޢާޒިމާގެ މައްޗަށްކުރާނީ. މަދަނީއެއް ނޫން ބޮލުރޮދި ކެނޑިފަހުރި މިންގަނޑުންވެސް އެ ދަޢުވާކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެ