ރައްޔިތުންގެ މަޖިލީހުގެ އާކައިވްގައި ހުރި ދުވަސްވީ ފޮތާއި ކަރުދާސްތައް ގިނަ ދުވަހަށް ދެމެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ރައްޔިތުން މަޖިލީހުން ބުނީ މަޖިލީހުން އެ މަސައްކަތް ފަށާފައިވާ އިރު ކުރީގެ ލިޔުންތަކުގެ ކަރުދާސްތައް ދޮވެ ސާފުކުރުމަށް ފަހު ވަކި ހާއްސަ "ޖަޕަނީޒް ޓިޝޫ" އެއް ތަތްކޮށް ލިޔެކުންތައް "ރީސްޓޯ" ކުރަން ފަށާފައިވާ ކަމަށެވެ.

އެހާ ގިނަ ދުވަސްވީ ގިނަ ލިޔުންތަކެއް ނެތް ކަމަށާއި އޭގެ ތެރެއިން ބައެއް ކަރުދާސްތައް ރޫޅާލުމަށް ފަހު އަލުން ރިބައިންޑިން ހެދޭނެ ކަމަށްވެސް މަޖިލީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނުކުރެވި އޮތް ކަމެއް ކަމަށާއި އަދި މި މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން ކަމަށްވެސް މަޖިލީހުން ބުނެއެވެ. އަދި އެ މަސައްކަތް ކުރުމަށް މަޖިލީހުގެ ސްޓާފުންނަށް ޓްރެއިން ވެސް ދީފައިވާ ކަމަށާއި އަދި މުސްތަގުބަލުގައި ނެޝަނަލް އާކައިވްގެ މަސައްކަތް ކުރާ ބޭފުޅުންނަށް ވެސް އެކަމާ ގުޅޭ ޓްރެއިނިންތައް ދޭން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ