ބީއެމްއެލް އިސްލާމިކް އިން ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަކޮށް މުޅިން އާ ޕޭމަންޓް ސޮލިއުންޝަނެއްގެ ގޮތުގައި މާސްޓާކާޑު ބިޒްނަސް ޑެބިޓް ކާޑު މިއަދު ތައާރަފް ކޮށްފިއެވެ.
ބީއެމްއެލުން ބުނީ، އަލަށް ތައާރަފް ކުރި ކާޑުން ފަސޭހަކަމާ އެކު ބިޒްނަސް އެކައުންޓް ބޭނުން ކުރުމާއި، ވިޔަފާރީގެ ހަރަދުތައް ބެލެހެއްޓުމާއި އަދި ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބަލަހައްޓަން ފަސޭހަ ވެގެންދާނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ކުރިއަރަމުންދާ ވިޔަފާރިތަކަށް އެހީވުމަށް އެންމެ އެކަށޭނެ ބޭންކިން ހައްލުތައް ހޯދައި ދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އާ ޕޭމަންޓް ނިޒާމެއް ތައާރަފް ކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ. އަލަށް ތައާރަފް ކުރި މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް އެހީވެ އަދި ގިނަ ވިޔަފާރިތަކުން ބޭނުން ވާ ފަދަ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުން ކުރުމަށް މަގުފަހިކޮށް ދިނުމަށް ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރި ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.،
ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މި ކާޑު ބޭނުން ކުރެވޭނެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އެހެނިހެން ކާޑުތަކެކޭ އެއްފަދައިން އަލަށް ތައާރަފް ކުރި މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑުގައި ވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް އެކުލެވެއެވެ. ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑެބިޓް ކާޑާއި ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ މި ވެބްސައިޓް އިން ލިބޭނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފްސަވިސް ބޭންކިން ސެންޓަރާއި، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.